ވަރލްޑް ކަޕް ސެމީފައިނަލުގައި 3-0 އިން ކްރޮއޭޝިޔާ ބަލިކޮށް، ވާދަވެރިން ހިތްދަތިކޮށްލުމަށްފަހު ފައިނަލުން އާޖެންޓީނާ މިރޭ ޖާގަ ހޯދައިފިއެވެ.
މެޗުގެ ތަރިންނަކީ ސްޕަރ ސްޓަރ ލިއޮނަލް މެސީ އާއި ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ އަލްވަރޭޒްއެވެ. އަނެއް ލަނޑު ޕެނަލްޓީއަކުން ޖެހީ މެސީއެވެ.
ފުރަތަމަ ލަނޑު:
ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މެސީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިނަލްޓީ ލިބުނީ އެންޒޯ ފެނާންޑޭޒް އާޖެންޓީނާގެ ހާފުގެ ތެރެއިން މެދު ރޮނގާ ދާދި ކައިރީގައި ހުރެ ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ފޯރުކޮށްދިން ހިތްގައިމު ޕާހަކުން އަލްވަރޭޒް ގޯލު ޖަހަން އުޅުމުގެ ތެރޭގައި ކްރޮއޭޝިޔާގެ ކީޕަރު އޭނާއަށް ފައުލް ކުރުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެސީ ޖެހި މިލަނޑަކީ ވަރލްޑް ކަޕް ތާރިހުގައި އޭނާ ކާމިޔާބު ކުރި 11 ވަނަ ލަނޑެވެ. މިލަނޑާއެކު މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ވަރލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނިމުގެ ރެކޯޑްވެސް މުގުރާލާފައެވެ. ކުރިން މިރެކޯޑް އޮތީ ކުރީގެ މަޝްހޫރު ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަތުގައެވެ.
ދެވަނަ ލަނޑު:
އާޖެންޓީނާގެ ދެވަނަ ލަނޑު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް އަލްވަރޭޒް ކާމިޔާބު ކޮށްދިނީ 39 ވަނަ މިނެޓުގައެވެ. އަލްވަރޭޒް މިލަނޑު ޖެހީ އާޖެންޓީނާގެ ހާފުގެ މެދަކާ ހިސާބުން މެސީ ދިން ބޯޅަ ހިފައިގެން ކްރޮއޭޝިޔާގެ އޭރިޔާގެ ތެރެއަށްވަދެ ތިން ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީއެވެ.
ތިންވަނަ ލަނޑު:
މިއީ މިފަހަރުގެ ވަރލްޑް ކަޕުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް އިންޑިވިޖުއަލް ކުޅުމެވެ. ކްރޮއޭޝިޔާގެ ހާފުގެ ތެރެއިން، އަރިމަތީ ރޮނގާ ކައިރިން މެސީއަށް ލިބުނު ބޯޅަ ހިފައިގެން ދުވެ މަޑު ޖެހިލީ ކްރޮއޭޝިޔާގެ އޭރިޔާގެ އަރިމަތީ ރޮނގާ ކައިރިންނެވެ. އޭރު މެސީ ހުއްޓުވުމަށް މިފަހަރުގެ ވަރލްޑް ކަޕުން ފެނުނު އެންމެ މޮޅު އެއްޑިފެންޑަރު، އުމުރުން އެންމެ 20 އަހަރުގެ ޖޮސްކޯ ގްވަރޑިއޯލް މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު މެސީ ދެފަރާތަށް ގެނައި ހަލުވި މޫވްމަންޓަކާއެކު ގްރވަޑިއޯލް އޮފްބެެލެންސް ކޮށްލައި ބޯޅަ ހިފައިގެން އޭރިޔާގެ ތެރެއަށް ވަދެ އަލްވަރޭޒަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީއެވެ. އަލްވަރޭޒް ބޯޅަ ގޯލަށް ފޮނުވާލީ އެއްފަހަރުން ޖަހައެވެ.
ތާރިހީ ނަޒަރަކުން:
ފައިނަލުން ޖާގަ ލިބުމާއެކު އާޖެންޓީނާ ވެފައި ވަނީ 6 ފަހަރު ވަރލްޑް ކަޕް ފައިނަލުން ޖާގަ ހޯދި 4 ވަނަ ގައުމަށެވެ. އެންމެ ގިނައިން ވަރލްޑް ކަޕް ފައިނަލުގައި ކުޅެފައި ވަނީ ޖަރުމަނެވެ. އެއީ 8 ފަހަރުއެވެ. 6 ފަހަރު ފައިނަލުގައި ކުޅެފައިވާ އަނެއް ދެގައުމަކީ ބްރެޒިލާއި އިޓަލީއެވެ.
މިރޭގެ މެޗާއެކު މެސީ ވެފައި ވަނީ ވަރލްޑް ކަޕުގެ ތާރިހުގައި 25 މެޗް ކުޅުނު 2 ވަނަ ކުޅުންތެރިޔާއަށެވެ. ކުރިން މިރެކޯޑް އޮތީ ޖަރުމަނުގެ މަޝްހޫރު ލޮތަރ މެތިއަސް އަތުގައެވެ. ފައިނަލުގައި މެސީ ކުޅެފިނަމަ މެސީ ވެގެންދާނީ ވަރލްޑް ކަޕުގެ ތާރިހުގައި މިހާތަނަށް 26 މެޗް ކުޅުނު ހަމައެމަނި ކުޅުންތެރިޔާ ކަމުގައެވެ.
މެޗުގެ އުސްއަލިތައް: