ޤުދުރަތީ ގޮތުން، އަލިމަސް، ނުވަތަ ޑައިމަންޑް، އުފެދެނީ އެތައް ބިލިއަން އަހަރަކުން، ދުނިޔޭގެ ބިމުއަޑީގެ އެންމެ ފުނުގައެވެ. މި ޖަވާހިރު އުފެދުމަށް ވަރަށް ގަދަ ޕްރެޝަރާއި 1000 ޑިގްރީއަށް ވުރެ މަތީ ހޫނުމިން ބޭނުންވެއެވެ.

ސައިންޓިސްޓުންގެ ބައިނަލް އަގުވާމީ ޓީމަކުން، ދެ ބާވަތެއްގެ އަލިމަސް އާދައިގެ ފިނިހޫނުމިނުގައި އުފައްދައިފިއެވެ. އަދި އެކަމަށް ހޭދަވީ މަދު މިނެޓުކޮޅެކެވެ. މިއީ އެންމެ ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު އިތުރު ހޫނުކުރުމެއް ނެތި އުފެއްދި ފުރަތަމަ ފަހަރެވެ. މި ޓީމުގެ ހޯދުންތަކުގެ ނަތީޖާ ވަނީ "ސްމޯލް" އޭ ކިޔާ ދިރާސީ މަޖައްލާގައި ޝައިޢުކޮށްފައެވެ.

އަލިމަހުގެ އެކި ބާވަތް ހުރޭ! ކާބަން އެޓޮމްތައް އެކި ބާވަތުގެ "ބޮންޑް" އިން އެކަތި އަނެކައްޗާ ގުޅޭގުޅުމުގެ ސަބަބަން، އުފެދޭ ބާވަތްތަކުގެ ތެރޭގައި "ސޮފްޓް ގްރެޕައިޓް" (މުރަނަ ދެލި) އާއި "ޑައިމަންޑް" (ހަރު، ވިދާ، އެތެރެފެންނަ އަލިމަސް) ހިމެނެއެވެ.

އޭގެ އިތުރުންވެސް ވަރަށް އާންމު އެކިއެކި ބާވަތުގެ ކާބަން ހުރެއެވެ. އެގޮތުން "ގްރެފީން" އަކީވެސް "ގްރެޕައިޓް" އާ ދާދި އެއްގޮތަށް އެޓޮމްތައް ގުޅިފައިވާ އެއްޗެކެވެ. ގްރެފީން އަކީ މިހާތަނަށް އުފެއްދިފައިވާ އެންމެ ތުނި އެއްޗެވެ. ނަމަވެސް އާންމުކޮށް އެނގި ނުވާ ކަމަކީ، އަލިމަސްގެ އެޓޮމްތައް ގުޅިފައިވާ ގޮތަށް ހުންނަ ކާބަންގެ އެކިއެކި ބާވަތް ހުންނަކަމެވެ.

އާދައިގެ އަލިމަހުގައި، އެޓޮމްތައް ހުންނަނީ ތިން ދިމާލަށް (ދިގު، ހުރަސް، އަދި އުސް) ހަތަރެސްކަން ހަމަވާ ކްރިސްޓަލް އޮނިގަނޑެއްގައެވެ. ނަމަވެސް، ހެކްސަގަނަލް ނުވަތަ ހަ-އަރި-ހަމަވާ ބައްޓަމަށް މި އެޓޮމްތައް އަތުރައިގެންވެސް އަލިމަސް އުފެއްދެއެވެ.

މި ބާވަތުގެ އަލިމަހަށް ކިޔާ ހާއްސަނަމަކީ "ލޮންސްޑަލެއިޓް" އެވެ. އެއީ އެކްސްރޭ ބޭނުންކޮށްގެން، ކާބަންގެ އެޓޮމްތައް އެތުރިފަ ހުން އޮނިގަނޑު ދިރާސާ ކުރެއްވި އަޔަލަންޑްގެ ކްރިސްޓަލޮގްރާޕަރ އަދި ރޯޔަލް ސޮސައިޓީގެ ފެލޯ ކެތުލީން ލޮންސްޑަލެއިޓް އަށް ޝަރަފުކޮށްފައިވާ ނަމެކެވެ. ހަތަރެސްކަން-ހަމަވާ އަލިމަސް އަދި ހަ-އަރި-ހަމަވާ ލޮންސްޑަލެއިޓް އަލިމަސް ގެ އެޓޮމްތައް އެތުރިފައި ހުންނަ ކްރިސްޓަލް އޮނިގަނޑު

އާންމު އަލިމަހަކީ ދުނިޔޭގައިވާ ގުދުރަތީގޮތުން އެންމެ ހަރު އެއްޗެވެ. ނަމަވެސް ލޮންސްޑަލެއިޓް އަކީ އެއަށްވުރެ %58 ހަރު އެއްޗެއްކަމުން، މިއާމެދު ވަރަށް ޝައުގުވެރިކަންވަނީ އުފެދިފައެވެ. ލޮންސްޑަލެއިޓް އެންމެ ފުރަތަމަ ފެނިފައިވަނީ އެމެރިކާގެ އެރިޒޯނާގައި އޮންނަ "ކެންޔަން ޑިއާބްލޯ މީޓިއޯރައިޓް ކްރޭޓަރ" ގެ ތެރެއިންނެވެ. އެއަށްފަހު، ހޫނާއި ޕްރެޝަރު ގްރެފައިޓަށް އަމާޒުކޮށްގެން، ވަރަށް މަދުން އެ މާއްދާވަނީ އެކިއެކި ލެބޯރަޓަރީގައި އުފެއްދިފައެވެ. އެއީ ހައިޕްރެޝަރ ފިއްތާ މެޝިނެއް ނުވަތަ ގޮވާތަކެތީގެ ބޭނުންކޮށްގެންނެވެ. ނަމަވެސް މިފަހަރު ސައިންޓިސްޓުންގެ ޓީމެއްގެ ތަހުލީލުތަކުން މިވަނީ ލޮންސްޑަލެއިޓް އާއި އާންމު އަލިމަސްވެސް އާދައިގެ ފިނިހޫނުމިނުގައި ހަމައެކަނި ޕްރެޝަރު ބޭނުންކޮށްގެން ލެބޯރަޓަރީގައި އުފެއްދިދާނެކަން ދައްކުވައިދީފައެވެ.

އަލިމަސް އުފެއްދޭނެ އެކި ގޮތްތައްލެބޯރެޓަރީގައި އަލިމަސް އުފައްދަން ފެށީ 1954 ވަނަ އަހަރުއެވެ. އެއަށްފަހު، "ޖެނެރަލް އިލެކްޓްރިކް" ކުންފުނީގެ ޓްރޭސީ ހޯލް، އަލިމަސް އުފެއްދުމުގެ ވަގުތު ކުރުކުރަން ބައެއް މައުދަނުގެ ކްރިސްޓަލް ބޭނުންކުރިއެވެ. އެއީ ބިމުއަޑީގައި، ގުދުރަތީގޮތުން އަލިމަސް އުފެދެނީވަސް އެފަދަ ކްރިސްޓަލްތަކުގެ އެހީގައި ކަމުގައިވާތީއެވެ.

ނަތީޖާއަކަށްވީ ގަދަ ހޫނާއި ޕްރެޝަރު ބޭނުންކޮށްގެން، ސައިޒުން ކިތައްމެ ކުޑަނަމަވެސް، އަދި ގުދުރަތީ އަލިމަސްހާ ފުރިހަމަ ނުވިނަމަވެސް، އަލިމިސް އުފެއްދުމެވެ. އަދިއަދަށް ދާންދެންވެސް މިގޮތަށް އަލިމަސް އުފައްދައެވެ. އެއީ މައިގަނޑުގޮތެއްގައި އެކިއެކި ސިނާއީ ބޭނުންތަކަށެވެ.

އަލިމަސް އާންމުކޮށް އުފައްދާ ދެވަނަ ގޮތަކީ ކެމިކަލާއި ގޭސް ބޭނުންކޮށްގެންނެވެ. އިތާމުތް ހައްދާހެން، އަލިމަސްވެސް އޭގެ ކުޑަކުޑަ އެތިކޮޅެއް އިންދައިގެން ބޮޑު އަލިމަހެއް ހައްދަނީއެވެ. މިކަމަށްވެސް 800 ޑިގްރީ ސެލްސިއަސް ގެ ހޫނުމިން ބޭނުންވެއެވެ. މިގޮތަށް ހައްދާ އަލިމަސް އުފެދުމަށް ވަރަށް ގިނަ ވަގުތު ބޭނުންވިނަމަވެސް، އޭގެ ސައިޒު ބޮޑު ވަފައި، އޭގެ ފެންވަރުވެސް މާ ރަނގަޅެވެ.

މިނޫން ގޮތްގޮތަށްވެސް އަލިމަސް އުފެއްދޭނެ ކަމުގެ އިޝާރާތްތައް ގުދުރަތީގޮތުން ފެންނަން އެބަހުއްޓެވެ. ބިމަށް ގިނިހިލަ ވެއްޓޭ ހިނދު (އިމްޕެކްޓް ޑައިމަންޑް)، ނުވަތަ ފަޒާގައި އެސްޓެރޮއިޑްތައް އެކަތި އަނެކައްޗާ ޖެހިގެން ގޮވާ ހިނދު (އެކްސްޓްރާ ޓެރެސްޓްރިއަލް ޑައިމަންޑް) އަލިމަސް އުފެދުން އޭގެތެރޭ ހިމެނެއެވެ.

މި ދެގޮތަށް އަލިމަސް އުފެދެނީ ކިހިނެތްކަން ހޯދުމަށް ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ދަލީލުތަކުން ފެންނަން ހުރިގޮތުން، ގަދަފަދަ ހޫނު އަދި ޕްރެޝަރުގެ އިތުރުން "ޝިއަރ ފޯސް" ގެ މުހިންމު ރޯލެއް މި ކަމުގައި ހިމެނެއެވެ. "ޝިއަރ ފޯސް" އަކީ އެއްޗެއް ކަތްޗަށް ފިއްތާލުމަށް ބޭނުންވާ ބާރަށް ދީފައިވާ ނަމެކެވެ. ޝިއަރ ފޯސްއިން އެއްޗެއް ފިއްތާލައިފިނަމަ، އެ އެއްޗެއް ތިރިއަށް ފިތުމުގެ އިތުރުން ކޮންމެވެސް އެއް އަރިއަކަށްވެސް ގުޑާނެއެވެ. އަދި މަތިން ތިރިއަށް ވާ ކަތީގެ އިދިކޮޅު މިސްރާބަށް ތިރިން މައްޗަށް ކަތިވާނެއެވެ.

މިސާލަކަށް ތާސްބައިގެ ގަނޑުތައް ފުނިޖަހާ އެއްވަރުކޮށްފައި، މަތީފަރާތުން ތިރިއަށް އަދި ވާތަށް ކޮއްޕާލާއިރު، ތިރިންމައްޗަށް ކަނާތްފަރާތަށް ކޮއްޕާލުމެވެ. މިގޮތަށް ދެކޮޅުން ކޮއްޕާލުމުން، ތާސްބައިގެ ގަނޑުތައް ކެހިގެން ފެތުރޭގޮތް ވާނެއެވެ. އެހެންކަމުން މި ޝިއަރ ފޯސް އަށް "ސްލިއިޑިންގް ފޯސް" (ކަސިޔާރު ކުރުވާ ނުވަތަ ކައްސައިލާ ބާރު) އޭވެސް ކިޔައެވެ.

"ޝިއަރ ފޯސް"ގެ މިސާލު ދައްކުވައިދޭ ކުރެހުމެއް

އާދައިގެ ފިނިހޫނުމިނުގައި އަލިމަސް އުފެއްދުންމި ޓީމުން ފަރުމާކުރި ތަހުލީލުގައި، ގްރެޕައިޓް އާ އެއްފަދަ ކާބަންގެ ކުޑަ އެތިކޮޅެއް ގަދަ ޕްރެޝަރާއި ވަރަށް ގަދަ ޝިއަރ ފޯސް ތަހައްމަލު ކުރުވިއެވެ. އެއީ އަލިމަސް ކޮޅެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މީގެ ކުރިން ކުރެވިފައިވާ މިފަދަ ދިރާސާތަކާ ހިލާފަށް، މިފަހަރު އެއްވެސް ވަރަކަށް ހޫނެއް ނުކުރެއެވެ. އިލެކްޓްރޯން މައިކްރޮސްކޯޕުގެ އެހީގައި ބެލުމުން، ސައިންޓިސްޓުންނަށް ފެނިގެންދިޔައީ، އަލިމަހުގެ ދެބާވަތް – އާދައިގެ އަލިމަސް އަދި ލޮންސްޑަލެއިޓް – ވެސް އުފެދިފައިވާ ތަނެވެ.

މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ކަމެކެވެ. އިންސާނެއްގެ އިސްތައްޓަކަށް ވުރެ 200 ގުނާ ކުޑަ އަލިމަސްތަކެއް ބަރިއަކަށް ކޯރެއްގެ ސިފައިގާ ދެމިފައިވާ އިރު، އޭގެ ވަށާއިގެންވަނީ ލޮންސްޑަލެއިޓުގެ ކަނޑެކެވެ. އިލެކްޓްރޯން މައިކްރޮސްކޯޕް ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯ އިން ފެންނަނީ ލޮންސްޑަލެއިޓް ކަނޑެއްގައި އާދައިގެ އަލިމަސް "ކޯރެއް" ދެމޭތަނެވެ.

މި އޮނިގަނޑު ވައްތަރީ އެހެން ބައެއް މާއްދާތައް އުފައްދާ އިރު ފެންނަ "ޝިއަރ ބޭންޑިންގް" އާއެވެ. އެ ފަދަ މާއްދާތަކުގައިވެސް ވަކި ދިމާލަކަށް ހާއްސަކޮށް ވަރަށް ގަދަފަދަ "ސްޓްރެއިން" ގެ ބާރުގެ އަސަރުކޮށްފައި ހުރެއެވެ. މިއިން ދޭހަ ކޮށްދިނީ ޝިއަރ ފޯސް އަކީ އާދައިގެ ފިނިހޫނުމިނުގައި އަލިމަސް އުފެއްދުމަށް ކޮންމެހެންވެސް ބޭނުންވާ ބާރެއްކަމެވެ.

އުދަނގޫ ލަނޑުދަނޑިއެއްމަދު މިނެޓުކޮޅެއް ތެރޭގައި، އާދައިގެ ފިނިހޫނުމިނުގައި އަލިމަސް އުފެއްދުމުގެ ގާބިލުކަމަކީ އުފެއްދުންތެރިކަމުގެ ވަރަށް ގިނަގުނަ ދޮރުތަކެއް ހުޅުވާލާ ކަމެކެވެ. ވަކިން ހާއްސަކޮށް، "ހަރު" އަލިމަސް ކަމަށްވާ ލޮންސްޑަލެއިޓް މިގޮތަށް އުފެއްދޭކަމީ، ވަރަށް ހަރު މާއްދާތައް ބޭނުންވާ ސިނާއަތްތަކަށް ލިބުނު އުފާވެރި ހަބަރެކެވެ. މިސާލަކަށް ހެވީޑިއުޓީ ބުރުމާކައްޓާއި އެހެނިހެން އެފަދަ އާލާތްތަކުގައި އަލިމަސް ފަށަލައެއް ލާފައި ހުރެއެވެ. ދެން އޮތް ލަނޑުދަނޑިއަކީ އަލިމަސް އުފެއްދުމަށް ބޭނުންކުރާ ޕްރެޝަރވެސް ދަށްކުރުމެވެ.

މި ޓީމުގެ މަސައްކަތުގައި މިހާތަނަށް ބޭނުންކޮށްފައިވާ އެންމެ ކުޑަ ޕްރެޝަރަކީ 80 ގިގަޕާސްކަލްއެވެ. މިއީ 640 އެތް، ކޮޅު އޫ ބޫޓެއްގެ ކޮޅުގައި އެކަތި މައްޗަށް އަނެކަތި އެރުމާ އެއްވަރުގެ އެއްޗެކެވެ! ނުވަތަ ޖައްވުގެ އާންމު ޕްރެޝަރަށް ވުރެ 780 މިލިއަން ގުނަ ބޮޑު އަދަދެކެވެ. އެ ސައިންޓިސްޓުން ބުނަނީ، ދަށް ޕްރެޝަރެއްގައި އާދައިގެ އަލިމަހާއި ލޮންސްޑަލެއިޓް އުފެއްދޭނެ ގޮތެއް ހޯދިއްޖެނަމަ، މިހާރަށް ވުރެ ގިނައިން އަދި އަވަހަށް އަލިމަސް އުފެއްދޭނެ ކަމަށެވެ.