ރާއްޖޭގައި އިތުރު އިންޑަސްޓްރީތައް އުފައްދައިގެންނާއި މިހާރުހުރި އިންޑަސްޓްރީތައް ތަރައްގީކޮށްގެން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާނޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނޭކަން އިއުލާން ކުރައްވައިފައިވާ ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަމަޔަޤީނުން ވެސް ރައްޔިތުންނަށް ކޮށްދެއްވާނޭ ކަންކަން ހުންނާނޭ ކަމަށެވެ.
އޭގެ ތެރޭގައި މައިގަނޑު 4 ކަމެއް ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދެއްވުމާއި، އުފާވެރި ދިރިއުޅުމެއް އުޅެވޭނޭ ވަރުގެ އާމްދަނީއެއް ލިބޭނޭ ގޮތް ފަހިކޮށްދެއްވުމާއި، ކުރާ މަސައްކަތަކުން ރަނގަޅު ނަފާއެއް ލިބޭނޭގޮތް ހެއްދެވުމާއި، ތަޢުލީމީ ރަނގަޅު ނިޒާމެއް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް އަޅުގަނޑު ދޭންއޮތް ޔަޤީންކަމަކީ ސިއްޙީ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުން. އުފާވެރި ދިރިއުޅުމެއް ލިބޭނޭ ވަރުގެ އާމްދަނީއެއް ލިބޭނޭގޮތް ހެދުން. ކޮންމެ މީހަކުއެކުރާ މަސައްކަތަކުން ރަނގަޅު ނަފާއެއް ލިބޭނޭގޮތެއް ހޯދައިދިނުން. ރަނގަޅު ތަޢުލީމީ ނިޒާމެއް ގާއިމްކޮށްދިނުން،" ނާޒިމް ވިދާޅުވިއެވެ.
މީހުންނަށް ވަޒިފާގެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި އިތުރު އިންޑަސްޓްރީތައް އުފައްދަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އިތުރު އިންޑަސްޓްރީތައް އުފައްދާނަން މީހުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި. މިއަދަކު ނުބުނެވޭނެ ދިހަހާސް ވަޒީފާ އުފައްދާނަމޭ. އެކަމަކު އިންޑަސްޓްރީތައް އުފައްދާނަން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް. އޭގެ ތެރޭގައި، ތަޢުލީމް، އައިޓީ، އެކުއަކަލްޗަރ އިންޑަސްޓްރީ ހިމެނިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީއަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް އިތުރުކަމެއް ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ނާޒިމް މިއަދު ވަނީ ދެއްވައިފައެވެ. އެއީ ބޯހިޔާވަހިކަމުގެ ޔަޤީންކަމެވެ.
"ބޯހިޔާވަހިކަމަކީ ހަމަޔަޤީނުންވެސް އަޅުގަނޑު ރައްޔިތުންނަށް ފޯރުކޮށްދޭނެ ޚިދުމަތެއް. އެއީ ހަމަ ސަތޭކަޕަސެންޓް ޔަޤީންކަމެއް. އަޅުގަނޑަށް އެބަފެނޭ ބޯހިޔާވަހިކަން ލިބޭތަން 4 އަހަރެއްހާ ދުވަސްތެރޭގައި. އެހެންވީމާ އަޅުގަނޑުމެން އެކަންކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ނާޒިމް ވިދާޅުވިއެވެ.