މި ހިނގާ ޑިސެމްބަރ 23 ވަނަދުވަހުގެރޭ ޚާއްސަ ޖަލްސާއެއް ބާއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވީ މިޖަލްސާ ބާއްވާނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. ޖަލްސާއަށް ދީފައިވާ ނަމަކީ "ފެލާލައިފި" އެވެ. އެނަން ދީފައިވަނީ މިހާރު ވެރިކަން ކުރަނީ ރައްޔިތުން ފެލާލައިގެން ކަމަށް ވާތީ ކަމަށް ހީނާ ވިދާޅުވިއެވެ.

މިޖަލްސާއަށް ވީހާ ވެސް ގިނަ މީހުން އައުމަށް ހީނާ ވަނީ އެދިވަޑައިގެންފައެވެ. ޕީޕީއެމް/ޕީއެންސީއަށް ތާއިދުކުރާ މީހުންނާއި ސަރުކާރަށް ތާއިދު ނުކުރާ ވީހާވެސް ގިނަ މީހުން މިޖަލްސާގައި ބައިވެރިވުމަށް ހީނާވަނީ އެދިފައެވެ. މިޖަލްސާ ބާއްވަން ނިންމެެވުމުން އެ ކޯލިޝަންގެ އެކި ގުނަންތަކުން ގެންދަނީ ޖަލްސާއަށް ތައްޔާރުވާން ފަށައިފައި ކަަމަށް ވެސް ހީނާ ވިދާޅުވިއެވެ. މިޖަލްސާގެ ބޭނުމަކީ ސަރުކާރުން މިހާރު އަމަލުކުރަމުންދާގޮތް ނޫން ރަނގަޅުގޮތެއް ރައްޔިތުން ބޭނުންވާކަް ސަރުކާރަށް އެންގުން ކަމަށް ހީނާ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ހީނާ ވިދާޅުވީ އެ ކޯލިޝަނުން މިހާރުވަނީ ސިޔާސީ ހަރަކާތް ވަރުގަދަކޮށް އިތުރު ކުރަން ނިންމާފައި ކަމަށެވެ. އެގޮތުން ޖަގަހަ ޖަލްސާތައް ބޭއްވުމާއި ޓީވީ ޕްރޮގްރާމްތައް ތަފާތުގޮތަކަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.