ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮޮއިކުރައްވައިިފިއެވެ. މިއީ ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި ޚަރަދުކޮށްގެން އަޅާ މިސްކިތެކެވެ.

މި މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ސޮއި ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒެވެ.

މިއީ 700 މީހުންގެ ޖާގައިގެ މި މިސްކިތެކެވެ. މިސްކިތް ފަރުމާ ކޮށްފައިވަނީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން 365 ދުވަސްތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަންޖެހެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ޢިމާރާތްކުރައްވާ ބޭފުޅުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމެވުން ވަރަށް މުހިންމު ކަމަށެވެ. އަލަށް ޢިމާރާތްކުރެވޭ މިސްކިތްތަކަކީ ރީތި ތަފާތު ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަމަށާއި، އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލ.ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމު ވިދާޅުވީ ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަަމަށެވެ. ލ. ގަމުގައި ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ލ. ގަމުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.