އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ރިޓަޔަރޑް ކާނަލް) ޕްރައިމަރީއަކާ ނުލައި ކަށަވަރު ކޮށްފިއެވެ.

ނާޒިމަށް ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް މިމަހު އެކެއްގައި ހުޅުވާލި މުއްދަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވިއިރު ނާޒިމް ނޫން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.

"އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ އުސޫލު" ގައިވާ ބުނެފައިވަނީ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައިފިނަމަ އެ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވަމްޖެހޭނޭ ކަމަށެވެ. ޕްރައިމަރީއަށް ކުރިމަތިލެއްވީ އެކަމަށް ޝަރުތު ހަމަވާ އެންމެ ބޭފުޅެއްނަމަ ޕްރައިމަރީ އަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓް އެ ފަރާތަކަށް ލިބޭނެ ކަމަށް ވެސް އެއުސޫލުގައި ބުނެފައިވެއެވެ. ނާޒިމް ފޯމު ހުށަހެޅުއްވީ އިއްޔެެއެވެ. ނާޒިމްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝިނާޒް އަޙްމަދެވެ.

އެމްއެންޕީގެ ޕްރައިމަރީ ބާއްވާނީ އަންނަ އަހަރު ޖަނަވަރީ މަހު 14 ގައެވެ.