މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައި ލީޑަރޝިޕް އެވޯޑް (އެލަމްނައި ޓޯކޯ އެވޯޑް 2021)، ކުރީގެ އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދެއްވައިފިއެވެ.

ޑރ. ޝަހީމަށް މި އެވޯޑު ދެެއްވާފައިވަނީ މިއަދު ހެނދު މެލޭޝިޔާގެ އައިޔޫއެމްގައި އެ ކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައެވެ. އެ ވޯޑު ޝަހީމާ ޙަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. ޒުލްކިފްލު ޢަބްދު ﷲ އެވެ.

މި އެވޯޑު ލިބިވަޑައިގެންނެވުމުން ޑރ. ޝަހީމް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވަނީ މިއީ ޙަޔާރުގައި ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށެވެ. "މި އެވޯޑު ޔުނިވަރސިޓީ އިން އަޅުގަނޑަށް ދެއްވުމަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު ވަރަށް ވެސް ބޮޑު އުފަލެކެވެ. މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ."

"މި އުފާވެރިކަމުގައި އަޅުގަނޑުގެ މަންމައާއި ބައްޕައާއި އަންހެނުން ޢާފިޔާއި ދަރިންނާއި، ކޮއްކޮމެންނާއި ބޭބެމެންނާއި ކިޔެވުމަށް އެހީވި އެންމެހާ ފަރާތްތަކާއި އަޅުގަނޑަށް އަބަދުވެސް ހެޔޮދުޢާކޮށްދެއްވާ އެންމެހާ ފަރާތްތަކާއި އެކުވެރިން ބައިވެރިކުރަމެވެ."

ޑރ. ޝަހީމަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ޢިލްމުވެރީންގެ ތެރެއިން އެންމެ ވިދާލި އަދި ވިދާމުންދާ އެއްބޭފުޅާއެވެ.