ކޮވިޑް-19 ވެކްސިން މިއީ މިއަދު މުޅިދުނިޔެވެސް އިންތިޒާރު ކުރަމުން އަންނަ ވެކްސިނެކެވެ. ދިވެހިން ވެސް ތިބީ މިވެކްސިން ދިވެހިންނާ ހަމައަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެންމެފުރަތަމަ ވެކްސިން ޖެހޭނީ ކޮން އުމުރެއްގެ ބަޔަކަށްތޯއެވެ؟ ވެކްސިން ލިބޭނީ ކޮންބަޔަކަށްތޯ އެވެ؟ ވެކްސިން އަކީ ކިހާ ރައްކާތެރި އެއްޗެއްތޯއެވެ؟ މިއީ އުފެދުނު ސުވާލުތަކެކެވެ.

ޑިސެމްބަރ ދިހަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ސިފަކުރެއްވިގޮތުގައި ކޮވިޑް ވެކްސިން އަކީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އަލިމަގެއް ލިބޭނެ އެންމެ އުއްމީދީ ހައްލު ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް އަދި ދުނިޔޭގައިވެސް ވެކްސިންއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ހަތިޔާރެއް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިއީ ދުނިޔޭގައި އެންމެ އަވަހަށް ތައްޔާރުކުރެވުނު ވެކްސިން. މިވެކްސިން ތައްޔާރުކުރީ އާއްމުކޮށް ވެކްސިން ތައްޔާރުކުރުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު. 200 އަށް ވުރެ ގިނަ ކޮވިޑް ވެކްސިން ތައްޔާރުކުރެވޭ. މިގޮތަށް ވެކްސިން ތައްޔާރުކުރާއިރު އެކި ފިނި ހޫނުމިނުގައި ބަހައްޓަންޖެހޭ ވެކްސިން އެބަހިމެނޭ. ދިވެހިރާއްޖޭގެ އާބާދީގެ 20 އިންސައްތަ އަށް ހިލޭ ވެކްސިން ލިބޭ ގޮތަށް ހަމަޖެހިފައިވަނީ. ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން ޤަބޫލުކުރިކަމުގެ ލިޔުން މިއަދުވަނީ ލިބިފައި. ވެކްސިން އިތުރަށް ގަތުމުގެ މަސައްކަތް އަދި ހޯދުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މިވެކްސިން ޖެހުމުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާއި ތައްޔާރީތައް ވަމުންދަނީ ބައިނަލް އަޤްވާމީ ފެންވަރެއްގައި ތައްޔާރުކުރެވިފައިވާ ގްލޯބަލް ފްރޭމް ވޯކެއްގެ ދަށުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިގޮތުން ނެޝަނަލް ސްޓިއަރިންގ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގައި މިވެކްސިން ގެނެސް ޖެހުމުގެ ހުރިހާ ކަމެއް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮވެކްސް ފެސިލިޓީ ތެރެއިންވެސް ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި، ރާއްޖޭގައި ވެސް ފުރަތަމަ ވެކްސިންޖެހޭނީ ވަކިބަޔަކަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ޓެގްޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވަނީ ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ޖެހޭނެ މީހުންގެ ތަފްސީލް ދެއްވާފައެވެ.

"ވެކްސިން އެންމެ ފުރަތަމަޖަހާނީ ސީދާ ކޮވިޑް ބައްޔަށް ހުށަހެޅިދާނެ ސިއްޙީ ހިދުމަތްތެރިން ފަދަ މީހުން، އަދި ނުސީދާގޮތުން މިބައްޔަށް ހުށަހެޅިދާނެ މީހުން. އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންނާއި ކުޑަކުދިންގެ ސެންޓަރތަކުގައި މަސައްކަތްކުރާ މީހުންވެސް ހިމެނޭ. އުމުރުން 50 އަހަރުގެ މީހުންނާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް އަދި 50 އަހަރުން ދަށުގެ މިބަލިޖެހިއްޖިއްޔާ ބޮޑުވަރުވެދާނެ، ކެންސަރު ބަލި ތަހައްމަލުކުރަމުންދާ މީހުން، ހަކުރުބަލި، އިސްކޮޅާ އެކަށީގެންނުވާ ވަރަށް ބަރުދަން ހުންނަ މީހުން އަދި ދިފާޢީ ނިޒާމް ބަލި މީހުން، ކިޑްނީ ބަލި، ފުއްޕާމޭގެ ބަލި ފަދަ ތަފާތު ބަލިތަކުގެ މީހުންގެ އިތުރުން ތެލަސީމިއާ މީހުންނަށްވެސް މިވެކްސިންޖަހަން ރެކޮމެންޑް ކުރަން. އަދި ޓީޗަރުންނާއި ފުލުހުންނާއި ސިފައިން އަދި ޓްރެވަލް އިންޑަސްޓްރީގައި އެއަރޕޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި، ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތްދޭ މީހުންގެ އިތުރުން އެކި ފިހާރަތަކާއި އޮފީސްތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ރެކޮމެންޑް ކުރަން ވެކްސިން ޖެހުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށްވެސް މިވެކްސިން ދިނުން މުހިއްމު"
ޑރ. ނަޒުލާ މުސްތަފާ

އެހެނިހެން ބޭހުން ސައިޑް އިފެކްޓް ހުންނަ ގޮތަށް މިވެކްސިން އިންވެސް ސައިޑް އިފެކްޓް ހުރެދާނެ ކަމަށާއި، ސައިޑް އިފެކްޓް ވަރަށް ރަނގަޅަށް މޮނީޓަރ ކުރެވޭނެ ނިޒާމެއް ރާއްޖޭގައިވެސް ޤާއިމްކުރެވިފައި އޮންނަކަމަށް ވިދާޅުވިއެވެ. " އަޅުގަނޑުމެން ރާއްޖޭގައި ބޭނުންކުރާނީ އޭގެ ރައްކާތެރިކަން އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ޑަބްލިއުއެޗްއޯ އިން ކަޑައަޅައިފައިވާ ވެކްސިން އެކަނި. ވެކްސިން ޖެހުމަށްފަހު ކުރާނެ އަސަރުތައް ބެލޭނެ ނިޒާމެއް ދަނީ ރޭވެމުން" ޑރ ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އެންމެ އަވަހަށްވެސް މިވެކްސިން ލިބި ފުރަތަމަ ގުރޫޕުތަކަށް ޖަހަން ފެށޭނެ ކަމަށް ބެލެވެނީ މިއަންނަ އަހަރުގެ ފުރަތަމަ ކްއާޓަރ ތެރޭގައި ކަމަށް ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިވެކްސިން ކުޑަކުދިންނަށް ނުޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.