މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމަކީ ރައްޔިތުންނަށް ހުވަފެން ދައްކަވާނޭ ބޭފުޅެއް ނޫންކަމަށް އެމްއެންޕީން ބުނެފިއެވެ.

އެޕާޓީގެ ސްޕޯކްސް ޕާސަން ޝިދާތާ ޝަރީފް ވިދާޅުވީ ހުވަފެނަކީ ހަގީގަތެއް ނޫންކަމަށާއި އެއީ ހަމަހުވަފެން ކަމަށެވެ. ހުވަފެން ދުވަހަކުވެސް ހަގީގަތަކަށް ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އޭގެ ބަދަލުގައި މި ޕާޓީގެ ރައީސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނީ އަމަލުން. އޭގެ ކުރިން ރައްޔިތުންނަށް އެންމެ މުހުތާދުވާ ކަންކަން އެމަނިކުފާނު ބައްލަވާނެ. އެއަށްފަހު އެކަމެއް ކޮށްވޭނޭ ގޮތެއް ހޯއްދެވުމަށްފަހު އެންމެ އެކަށީގެންވާ އެންމެ ރަނގަޅުގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް އެކަންކަން ކޮށްދެއްވާނެ،" ޝިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ބޭނުމުގައި ރައްޔިތުން ރުއްސަން އެއްވެސް އޮއްޓަރެއްނެތް ހުސް ވަޢުދު ކުރެއްވުމަކީ އެމްއެންޕީގެ ސިޔާސަތެއް ނޫންކަމަށެވެ. އެއީ ރައްޔިޔުންނަށް ޚިދުމަތް ކުރުމަށް ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ޕާޓީއަކަށް ވާތީ އަބަދުވެސް ޕާޓީގެ ލީޑަރޝިޕުން އިސްކަން ދެއްވާނީ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތް ކޮށްދެއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވެފައިވަނީ އެޕާޓީއަކީ ރާއްޖޭގައި ވެރިކަން ކުރަން އުފެއްދި ޕާޓީއެއް ކަމަށެވެ. އެއީ މީހަކަށްޓަކައި އުފެއްދި ޕާޓީއެއް ނޫންކަމަށެވެ. "އަޅުގަނޑުމެން މިޕާޓީ އުފެއްދީ މީހަކަށްނޫން. އަޅުގަނޑުމެން މި ޕާޓީ އުފެއްދީ ސަރުކާރަކަށް ވެސް ނޫން. އަޅުގަނޑުމެން މިއުފެއްދީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އިރާދަކުރެއްވިއްޔާ މިއަންނަ ދެހާސްތޭވީހުގައި އަޅުގަނޑު ވާދަކޮށް އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން،" ނާޒިމް ވިދާޅުވިއެވެ.