އިންޑިއާގެ ހައިދަރުއާބާދުގައި ބާއްވާ 10 މަސްދުވަހުގެ ކޯހަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 5 ފުލުހަކު ފުރައިފިއެވެ. މިއީ "އައިޕީއެސް ޕްރޮބޭޝަނާސް" ެކޯހެކެވެ.

އެ ކޯހަސް ފުރި ފަސް ފުލުހުންނަކީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއީ ކޮންމެ އަހަރަކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފަައިވެއެވެ. ޓްރެއިނިންގެ ތެރޭގައި ފިޒިކަލް ޓްރެއިނިންގ އާއި ވެޕަން ޓްރެއިނިންގެ އިތުރުން މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިކޯހުގައި ގާނޫނުގެ ބައިތަކާއި ތަހުގީގުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިންގ، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިންމު ބައިތައް ވެެސް ކިޔަވައިދޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.