މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ވަޢުދުތައް ބިނާވާނީ ޙަގީގަތުގެ މައްޗަށް ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ ތަރައްގީގައި ރާއްޖެ މިދަނީ ކުރިއަރަމުން ކަމަށާއި އޭގެ ތެރެއިން ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަންކަމަށް އޮންނަ ޑިމާންޑު މިހާރުދަނީ އިތުރުވަމުން ކަމަށެވެ. އެެހެންކަމުން އެޕާޓީގެ ރިޔާސީ ވަޢުދުތައް ބިނާކުރާނީ އަސާސެއްގެ މައްޗަށް ކަމަށާއި އެކަން ކުރާނޭގޮތް ވެސް ރައްޔިތުންނަށް ބުނެދޭނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިހާރު މިފެންނަނީ ފުއްދުނަސް ނުފުއްދުނަސް ރައްޔިތުން ބޭނުންވާނޭހެން ހީވާކަންކަމަށް ވެސް ވައުދުވާތަން. ރާއްޖޭގެ އިިގްތިސާދީ ހާލަތަށާއި ބަދަލުވަމުން އަންްނަ ކަންކަމަށް އެއްވެސް ވިސްނުމެއްނެތް. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއްނޫން. އަޅުގަނޑުމެން ވަޢުދުވުމުގެ ކުރިން އެއީ ފީޒިބަލް ކަމެއްތޯ ބަލާނަން. ވަޢުދު ވުމަށްފަހު އެކަމެއް ކުރާނޭގޮތްތަކާއި އެކަަމަށް ބޭނުންވާ ފައިސާ ހޯދާނޭ ގޮތްތައް ވެސް ރައްޔިތުންނަށް ކިޔައިދޭނަން،" ނާޒިމް ވިދާޅުވިިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ހުރިހާ ސިޔާސަތެއް ވަރުގަދަވާނޭ ކަމަށެވެ. ޚާއްސަކޮށް އިގްތިސާދީ ސިޔާސަތު ވަރަށްބޮޑުތަނުން ހަރުދަނާވާނޭ ކަަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ރަނގަޅުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ. އޭގެ އިތުރުން ދަނޑުވެރީން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ރަށްރަށަށް މާކެޓު ކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކޮށް ސްޕީޑް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މިއީން ކޮންމެ ދާއިރާއެއްގައި ހުންނަ އައު އީޖާދުތައް އެދާއިރާތަކަށް ތައާރަފްކޮށްދީ ނަފާ ހޯދައިދިނުމުގެ މަސައްކަތްތައް ކޮށްދެއްވާނޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.