ސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓާއި އެރަށާ ގުޅުވައިދޭ ބްރިޖުގެ ތަނބުތައް ޖަހަން ފަށައިފި ކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ އެ ބްރިޖު ނުވަތަ ކޯޒްވޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިއަދުވަނީ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.

ކޯޒްވޭގެ މަސައްކަތް ކުރަނީ ވެސް އެއާޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީންނެވެ. ފަރެސްމާތޮޑާ އެއާޕޯޓު މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ކަރަންޓުލުމަށްފަހު ޓެސްޓް ކުރުމުގެ ގޮތުން ދިއްލަންޖެހޭ ދިއްލުންތައް ވެސް މިހާރުވަނީ ދިއްލައި ނިމިފައެވެ.

އެރަށު ކައުންސިލުން ކުރިން ބުނެފައިވަނީ އެރަށުގައި ފާހަގަކުރި 42 ވަނަ މަސްވެރިންގެ ދުވަހަށް އެއާޕޯޓު ވަގުތީގޮތުން ހުޅުވޭނޭ ކަމަށެވެ. އެހެންނަމަވެސް ދިމާވި ދަތިތަކާއި މައްސަލަތަކުގެ ސަބަބުން އެ ދުވަހަށް ވެސް ހުޅުވޭ ގޮތެއްވަނީ ނުވެފައެވވެ. އެ އެއާޕޯޓު ދެން ހުޅުވޭނޭ ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ. އެއާޕޯޓަށް ބޭނުންވާ ފަޔަރލޮރިއާއި އެހެނިހެން ސާމާނު ހަމަކުރުމުގެ މަސައްކަތް މިހާވެސްދަނީ ކުރިއަށެވެ.