އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 12 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ކައުންސިލް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ކަމަށާއި އަނެއް ހަތް ކެންޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށެވެ..

ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރެއިން ހަ ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރަން ނިންމި ފަރާތްތަކެވެ. ދެން ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭގައި ޕީޕީއެމްގެ ތިން ކެނޑިޑޭޓުންނާއި އެމްޑީޕީގެ ދެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ކެންޑިޑޭޓެއް ހިމެނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް އީސީން ބުނެއެވެ.

ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށް އީސީން ބުނެއެވެ.