ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ގުޅުއްވައި ހިތުގެ ޝުއޫރުތައް ފާޅުކޮށްލަން ފުރުސަތު ދެއްވުމުން މަސްވެރިކަން ކުރި އަރުވަން ކުރާ މަސައްކަތުގައި އުއްމީދު އާ ވެއްޖެކަމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފިއެވެ.

ގއ. ގެމަނަފުށްޓަށް އުފަން އުމުރުން 22 އަހަރުގެ ސާޖިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އިއްޔެ ފާހަގަކުރި މަސްވެރިން ދުވަހު އެންމެ ބޭނުންވީ ހިތުގެ ޝުއޫރު ރައީސް ސޯލިހްއާ ހިއްސާކޮށްލަން ކަމަށެވެ.

"އަލްހަމްދުލިއްﷲ. ރައީސް އަޅުގަނޑަށް ގުޅާފަ ވަރަށް ގިނަ އިރު ވަންދެން ވާހަކަ ދައްކަވައިފި. ފާހަގަ ކޮށްލަން ވަރަށް އުފާވެއްޖެ އަދި އުންމީދު އާވެއްޖެ" ސާޖިން ބުންޏެވެ.

މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓްކޮށް ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދެއްކުމުގައި އިސްދައުރެއް އަދާކުރާ ސާޖިން އަކީ އުރީދޫ މޯލްޑިވްސްގެ އެމްބެސެޓަރެއް ވެސް މެއެވެ. މަސްވެރިކަމަކީ ހަޑި މަސައްކަތެއް ނޫންކަން ސާބިތުކޮށްދީ ސާޖިން އަންނަނީ ރާއްޖޭގެ މަސްވެރިކަން ރާއްޖޭއާއި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުންނެވެ.