އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓްހަމް އަތުން 2-2 އިން އެއްވަރުވެ, ލިވަޕޫލަށް ތާވަލުގެ ދެވަނަ އަށް ޖެހިލުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ވެސްޓްހަމްގެ ދަނޑު ކަމުގައިވާ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ލިވަޕޫލުންނެވެ. ނަމަވެސް ލިވަޕޫލަށް ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި މެޗުގެ ލީޑުނެގޭ ގޮތް ނުވެފައެވެ. ކުޅުމުގެ އޮއިވަރާ ހިލާފަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސްޓްހަމްއެވެ. މި ލަނޑަކީ ވެސްޓްހަމްގެ ޖެރޮޑް ބޮވެން ބޮލުން ކާމިޔާބުކޮށް ދިން ލަނޑެކެވެ. ބޮވެންގެ ލަނޑާއެކު ވެސްޓްހަމް އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް, މެޗުގެ 48 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އޭންޑްރޫ ރޮބާޓްސަންއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑަކީ, ކޯޑީ ގަކްޕޯ ފޮނުވާލި ބޯޅައަކުން ވެސްޓްހަމްގެ ގޯލްކީޕަރު އަރިއޯލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ވެސްޓްހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 77 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބޮވެން ނަގައިދިން ހުރަހަކުން މިކެއިލް އެންޓޯނިއޯ ކާމިޔާބު ކުރި ލަނޑެކެވެ. ވެސްޓްހަމް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި ލިވަޕޫލުގެ ހާވީ އެލިއޮޓް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައެވެ. ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު, ލިވަޕޫލަށް ވަނީ އެއް ޕޮއިންޓުން ފުއްދާލައިގެން މެޗު ނިންމާލަން ޖެހިފައެވެ.
މި މެޗުން އެއްވަރުވުމާއެކު ލިވަޕޫލަށް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު ގެއްލިފައެވެ. ލިވަޕޫލު އޮތީ ކުޅުނު 35 މެޗުން ލިބުނު 75 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި, 34 މެޗު ކުޅެގެން ލިބުނު 77 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. ނަމަވެސް ސިޓީ ކުޅެފައިވަނީ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކަމުގައިވާތީ އާސެނަލް ފަހާލައި, ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.