ސަރުކާރުން ރައްޔިތުން ޖައްސާފައިވާ ހާލަތު ބުނެދިނުމަށް ކަމަށްބުނެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ގެ ލީޑަރޝިޕް ޓީމެއް މާލެ އަތޮޅުގެ ރަށްރަށަށް މިއަދު ފުރައިފިއެވެ. މި ދަތުރުގައި ގާފަރާއި ކާށިދޫ ފިޔަވައި އެހެން ހުރިހާ ރަށްރަށަށް މި ޓީމް ޒިޔާރަތްކުރާނޭ ކަމަށް އެޓީމުން ބުނެފައިވެއެވެ.
މިދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ މިސަރުކާރުން ރައްޔިތުން "ފެލާލައިފައި" ވާތީ އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަށް ކުރާ ދަތުރެއް ކަމަށެވެ.
"މިގައުމު ދަތުރު ކުރަމުން މިދަނީ ވަރަށް އުނދަގޫ ހާލަތަކާ ދިމާއަށް. ތަކެތީގެ އަގުބޮޑުވެއްޖެ. ސަރުކާރުން ރައްޔިތުން ދަވާލައިފި، ފެލާލައިފި. އެހެންވީމާ ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން މިދަނީ ސަރުކާރުން ރައްޔިތުން ޖައްސާފައިވާ ހާލަތު ބުނެދޭން،" ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދަތުރުގައި އެކަންކަން ހައްލުކުރާނޭ ގޮތްތަކާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެކަންކަން ރަނގަޅުކުރައްވާނޭ ގޮތް މިދަތުރުގައި ރައްޔިތުންނާ ހިއްސާ ކުރައްވާނޭ ކަމަށެވެ.
އަންނަ ހުކުރުދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބާއްވާ "ފެލާލައިފި" ޖަލްސާއަށް މިދަތުރުގައި ކ. އަތޮޅުގެ ރައްޔިތުންނަށް ދައުވަތު އަރުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާއަކީ ވަރަށްގިނަ ރައްޔިތުން ބޭނުންވެގެން ބާއްވާ ޚާއްސަ ޖަލްސާއެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރަން ޝައުގުވެރިކަންހުރި އެންމެހާ ދިވެހިރައްޔިތުންނަށް ވެސް ވާނީ މި ޖަލްސާއަށް ދައުވަތު އަރުވާފައި ކަމަށެވެ.
މާލެއަތޮޅުގެ ރަށްރަށަށް ކުރައްވާ މި ދަތުރު ނިންމާލުމަށްފަހު މިއަދު އިރުއޮއްސުމުގެ ކުރީން އެނބުރި މާލެ އަންނާނޭ ކަމަށް މިޓީމުން ބުންޏެވެ.