ނ. މާފަރު ޕޮލިސްސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ ނައްތާލާފައިވަނީ 309 ފުޅި ބަނގުރަލާއި 156 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ ޖުލައި 14 އިން ނޮވެމްބަރ 30 ވަނަ ދުވަހާ ހަމައަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފެނިގެން، އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް އެފަރާތުން މައުލީމާތު ދެއްވިއެވެ.

ބަނގުރާ ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.