ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިހާރު ކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިޔާސީ މައިދާނުން ގެއްލުވާލުމުގެ މަސައްކަތް ކަމަށް ނައިފަރުދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މިއަދު ކ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރަށް ފުރުމުގެ ކުރީން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިހާރު ހުންނެވީ އެއްވެސް ދިމާއަކަށް ވަޑައިގަނެވޭ ހާލަތެއްގައި ނޫންކަމަށެވެ. ކޮންމެ ދުވަހަކު ސަރުކާރުގެ ކޮންމެވެސް މުއައްސަސާއަކަށް އެމަނިކުފާނު ހާޒިރު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިސަރުކާރި ވެރިކަަމަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެންމެބޮޑު މަގުސަދަކަށްވީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން/ ދައުލަތަށް ލިބޭހާ ފައިސާއެއް ވެސް ޚަރަދުކުރަނީ އެކަމަށް،" ޝިޔާމް ވިދާޅުވިއެވެ. މިކަންކުރުމުގައި ރައީސް ސާލިހަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން ބައިވެރި ކުރާ ކަމުގެ ތުހުމަގު ވެސް އޭނާ ކުރެއްވިއެވެ. އެހެންނަމަވެސް މިވާހަކަތައް ސަރުކާރުން ދޮގު ކުރައްވައެވެ.

ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވަނީ ސަރުކާރު ހިންގަނީ ޓީބިލް ވިއްކައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ ގަވަރުނަރާ ވެސް އެ ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރެއްވި ކަމަށާއި، ގަވަރުނަރު ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން މިހާރުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.