މީހެއްގެ މުދަލަށް ބާރުފޯރުވި މީހަކާއި މަސްތުވާއެއްޗެއް އެތެރެކުރި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި ދެ މައްސަލާގައި ފުލުހުން ހޯދަމުންދަނީ އއ. މަތިވެރި، ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (31އ) އާއި ބ. ކަމަދޫ، ސުވާސާގެ، މުޙައްމަދު ރާފިލް ރިޔާޟް (24އ) އެވެ.

ފުލުހުން ވިދާޅުވީ ޢަބްދުﷲ ޖަމީލް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީއެވެ. އޭނާ ހާޒިރުކޮށް ދިނުމަށް ކްރިމިނަލް ކޯޓުންވަނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި އަންގަވާފައިވަނީ ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓައިގެން މާދަމާ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ.

މުޙައްމަދު ރާފިލް ފިޔާޟް ހޯދަމުންދަނީ ރާއްޖެއަށް މަސްތުވާ އެއްޗެއް އެތެރެކުރުމާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ މިހާތަނަށް އޭނާ ވެސް ވަނީ ހާޒިރުނުކުރެވިފައެވެ. އެހެން ކަމުން ކޯޓުންވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައގެން މާދަމާ ހެނދުނު 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. މި ދެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ގުޅައި އެކަން ހިއްސާ ކުރެއްވުމަށް ފުލިހުން ވަނީ އެދިފައެވެ. ނަމްބަރަކީ 9991442 އެވެ.