ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 503 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 429 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުގައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަސައްކަތާބެހޭ މަޢުލޫމާތެއް ޙިއްސާ ކުރައްވާފައެއް ނުވެެއެވެ.

މި މަޝްރޫޢުގެ އަގަކީ 90.29 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދިފައިވާ މުއްދަތަކީ 240 ދުވަހެވެ. ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.