ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށްޓެއް ލުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން:

  • 50.6744 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 145މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 150 މީޓަރުގެ ސަރަޙައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުން
  • ނެރު ބައްތި ހަރުކުރުން ހިމެނެއެވެ.

މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހު ކަމަށް އެމްޓީސީން ބުނެފައިވެއެވެ. މިއީ ސަރުކާރުން 18.17 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 180 ދުވަހެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތްކުރަމުން އަންނަ ބައެކެވެ.

އިނގުރައިދޫގެ ނެރުގައި މިހާރު ލާފައިއޮތް ބޭރުތޮށީގެ ސަބަބުން ކަނޑުގަދަ ދުވަސްވަރު އުޅަނދުފަހަރު ވަންނަން މަސައްކަތް ކުރާ ވަގުތު ފަޅުތެރޭގައި ރާޅުބޮޑުވާ ގޮތްވެ ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިއަދު ސޮއިކުރި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މި މައްސަލަ ހައްލުވެގެން ދާނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެެވެ.