އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސެކިޔުރިޓީ ރޫމް ފަޅާލައި އެތަނުން ވައްކަންކޮށްފި ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިއަދު ނެރެފައިވާ ބަޔާނެއްގައި އީސީން ވިދާޅުވެފައިވަނީ އެތަން ފަޅާލައިފައިވަނީ މިދިޔަ ނޮވެމްބަރުމަހު 30 ވަނަދުވަހު ކަމަށެވެ. ސެކިޔުރިޓީ ރޫމަށް ވަގަށް ވަދެފައިވަނީ ޢިމާރާތުގެ ބޭރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސެކިޔުރިޓީ ރޫމް ފާޅާލިއިރު އެތަނުގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުހުންނާނޭ ކަމަށް އީސީން ވިދާޅުވިއެވެ. އަދި އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ވެސް އެތާގައި ނުހިނގާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ނިމިދިޔަ ލޯކަލްކައުންސިލް އިތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓް ބުކު ގެއްލިފައިވެއެވެ. އޭގެ އިތުރުން ބައު ތިޖޫރިއަކަށް ގެއްލުންދީފައިވާ ކަމަށް ވެސް އީސީންވިދާޅުވެފައިވެއެވެ. އޭގައި އެއްވެސް އެއްޗެއް ނުހުންނާނޭ ކަމަށް އެ ކޮމިޝަނުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މީގެ އިތުރުން ޑިސެމްބަރު 10 ވަނަ ދުވަހުވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔާގައި ހުންނަ އީސީގެ ގުދަނެއް ވެސް ފަޅާލައިފައި ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އެތަން ފާޅާލައި 11 ޔޫޕީއެސްއާއި، 65 އިންޗީގެ ދެ ޓީވީއާއި، 2 ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަގަށްނަގާފައިވެއެވެ.

މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކަށް މި ދެ ހާދިސާގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނޭ ކަމަށް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ. މި ދެހާދިސާއަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ފުލުހުންނާ ބައްދަލުކޮށް މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. މި ދެ ހާދިސާއަށްފަހު އެ ދެ އިމާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ދެ މުއައްސަސާގެ ސަމާލުކަމަށް މިކަން ގެނެސްފައިވާނޭ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ކުރިއަށްއޮތް އިންތިޚާބުތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވި ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް އީސީން ވިދާޅުވެފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހަށް ހުށަހަޅައި އެމަސައްލަ ބަލަމުން އަންކަމަށް ފުލުހުންނާއި އީސީން ވެސް ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.