ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ފަޅާލައި އިންތިޚާބުގައި ބޭނުންކުރުމަށް ހުރި ލެޕްޓޮޕްތައް ވަގަށް ގެންދިއުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އީސީގެ ސެކިޔުރިޓީ ރޫމާއި ގުދަނެއް ފަޅާލައި އެތަނުން ވައްކަންކުރި މައްސަލާގައި އޭނާކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލެޕްޓޮޕްތައް ގެއްލުމުގެ ނުރައްކަލަށްވުރެ ވައްކަމުގެ އެ މައްސަލަ ސިއްރުކޮށްފައި ބޭއްވުމަކީ މާބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "މިކަން ސިއްރުކޮށް ބޭއްވުމަކީ އަދި އިތުރަށް މާބޮޑު ނުރައްކަލެއް. އިންތިޚާބު މިނިވަން ނުވާނެކަން ޔަޤީންވެއްޖެ،" އޭނާ ވިދާޅުވެފައިވެއެވެ.

ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި މިއީ ރޭވުމެއްގެ ތެރެއިން ހިންގާފައިވާ "ޖަރީމާއެއްކަމަށް ޝައްކުކުރެވޭ" ކަމަށެވެ. މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އީސީން ސިޔާސީ ޕާޓީތަކާ ހިއްސާކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީސީގެ ސެކިޔުރިޓީ ރޫމް ފާޅާލައިފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހު އިމާރާތުގެ ބޭރުން ވަދެއެވެ. އެތަނުގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުހުންނާނޭ ކަމަށާއި، އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ވެސް އެތާގައި ނުހިނގާ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ނިމިދިޔަ ލޯކަލްކައުންސިލް އިތިޚާބުގައި ބޭނުންކޮށްފައިވާ 5 ނެޓް ބުކު ގެއްލިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ބައު ތިޖޫރިއަކަށް ގެއްލުންދީފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

މީގެ އިތުރުން ޑިސެމްބަރު 10 ވަނަ ދުވަހު އަލްމަދަރުސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔާގައި ހުންނަ އީސީގެ ގުދަނެއް ފަޅާލައި 11 ޔޫޕީއެސްއާއި، 65 އިންޗީގެ ދެ ޓީވީއާއި، 2 ސްޕީކަރު ސެޓާއި 10 މީޓަރުގެ ކަރަންޓު އެކްސްޓެންޝަން ބޯޑެއް ވަގަށްނަގާފައިވެއެވެ.