ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އަންނަ އެއްލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން އެޅި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ޑިސެމްބަރުގެ 9 ވަނަ ދުވަހާ ހަމައަށް 94،543 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއަކީ ތާރީޙީ ދުވަހަކަށް ވެގެންދާނެކަމަށާއި އެގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ އެއް ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށެވެ.

"ބޯޑަރު އަލުން ހުޅުވިފަހުން އަންނަ އެއްލައްކަވަނަ ފަތުރުވެރިޔާއަށް މާދަމާ ހެނދުނު އަޅުގަނޑުމެން މަރުހަބާ ކިޔާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެއް ލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނައިރު، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.