ދިވެހި ރާއްޖޭގެ ހީވާގި މަސްވެރިން މިހާރުވަނީ ވަރަށްބޮޑަށް ނިކަމެތިވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ވިޔަފާރިވެރިޔާ މިހެން ވިދާޅުވީ ޑިސެމްބަރ ދިހައެއް (މަސްވެރިންގެ ދުވަހު) އެވެ.
ޢުމަރު ވިދާޅުވީ މަސްވެރިން ނިކަމެތިވީ ސިޔާސީ ޕާޓީތަކުން ދިވެހި މަސްވެރިންނަށް ހުސް ވައުދުވުމުން ކަމަށެވެ. "ދިވެހި މަސްވެރިންނަށް ސިޔާސީ ޕާޓީ ތަކުން ހުސްވަޢުދު ވާތާ ވީހާދުވަހެއްވީ،" ޢުމަރު ވިދާޅުވިއެވެ.
އޭގެ ނަތީޖާއަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިން ކަނޑުމަތީގައި އިހުތިޖާޖު ކުރުމެވެ. އެމީހުންގެ މައްސަލައަކަށް މަހަށް ހަމަ އަގުދޭން އައި ސަރުކާރަކަށް އެކަން ނުކުރެއްވުމާއި ބާނާ މަސްކޮޅު ނުކިރޭ މައްސަލައެވެ.
އިއްޔެ ކުރި މުޒާހަރާއާ ބެހޭގޮތުން ޢުމަރު ވިދާޅުވީ "މީގެ 12 އަހަރު ކުރިން ކަންނެލި މަސްވެރިންނާއެކު މިފަދަ މުޒާހިރާއެއް، ރައީސް އޮފީސް ކައިރީ ފަޅުތެރޭ ކުރުމުގައި އަޅުގަޑު ބައިވެރިވިން. އެދުވަހު ދެއްކި ވާހަކަ މިއަދުވެސް މި ދައްކަނީ. ހާލަތު ބަދަލެއްނުވޭ،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހާލަތަށް ބަދަލު ނައިސް މިހާރުވަނީ ޕާޓީތަކުގެ ވެރިންގެ ޖީބު ބޮޑުވެ މަސްވެރިން ނިކަމެތިވެފައި ކަމަށެވެ.