ލ. އަތޮޅު ގަމުގައި އިމާރާތް ކުރަން ސަރުކާރުން ހަމަޖައްސަވާފައިވާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

ގަމުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި، އެ ރަށު ކައުންސިލް މެމްބަރުންނެވެ.

ބިންގައު އެޅުމުގެ ރަސްމިއްޔާތަށްފަހު ގަމު ދާއިރާގެ މެމްބަރު ވިސާމު ވިދާޅުވީ މިއީ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ކުރީ ސަރުކާރުން ކަޑަޖެހި ގޮތަށް މިސަރުކާރުން ކަޑަޖެހުމުގެ ބަދަލުގައި މަސައްކަތް ފަށައި ނިންމާނޭ ކަމުގެ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ވައިދުވުމަށްފަހު ވައުދު ފުއްދަވާނޭ ސަރުކާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.