ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަ އެދި ހުށަހެޅިތާ އެއް އަހަރުވީއިރުވެސް އެ ހުއްދަ ދީފައިނުވާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 81 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށެވެ. އެހެންނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އެ ހުއްދަ ދީފައި ނުވާކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައަޅާފައިވަނީ އޭރު އޮތް ޤަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށައެޅިތާ 8 މަސްދުވަސް ފަހުން ޤަވާއިދު ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ޓްރޭޑް މިނިސްޓްރީއާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓަރ އަދި ލޯކަލް ގަވާރމެންޓް އޮތޯރިޓީ އާއި މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެބޭފުޅުން ވިދާޅުވިގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ގެނެސްފައިވާނެ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކަން މާލެ ސިޓީ ކައުންސިލަށް ކޮށްދީފައި ނުވާކަމަށެވެ.

ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އެކަން ނުކޮށްދޭކަމަށް ބޮޑަށް ބެލެވެނީ ސިޔާސީ ކަމަކާއި ގުޅިގެން ކަމަށެވެ. އަދި ޑެޕއިޓީ މޭޔަރު ވަނީ ވީހާވެސް އަވަހަކަށް މާލެ ސިޓީ ކައުންސިލުން އެދިފައިވާ ފަދައިން ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަށް ހުއްދަ ދިނުމަށް ގޮވާލައްވާފައެވެ.

ކުންފުނި އުފެއްދުމުގެ ހުއްދަ ނުދިނުމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރ އަހުމަދު އައިފާންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ކައުންސިލަރު އައިފާން ވިދާޅުވީ ލޯކަލް އޮޓޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރުމަށް މާލެސިޓީ ކައުންސިލުން އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ކައުންސިލުން އެދުމުން ޤަވާއިދު ބަދަލު ކުރިކަމަށެވެ. ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމުގެ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކުންފުނީގެ މައްޗަށް ކައުންސިލަށް އޮންނަ ބާރު ގެއްލޭ ފަދަ ގޮތަކަށް އޮތްކަން އައިފާން ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުޞަތު ދިނުމަކީ އެއީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތްކަމަށާއި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލެސިޓީގެ ކައުންސިލަށް ކުންފުނި ރެޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ޤަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުޞަތު ނެތް ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާކަމަށާއި އޭގެ ލާމަސީލު މިސާލަކީ މާލޭގައި ޕްރޮޖެކްޓެއް ހިންގި ނަމަވެސް ކައުންސިލަށް އެކަން ނޭނގޭކަމެވެ.