އިނގިރޭސި ލީގް ކަޕް މިހާރުގެ ނަމުންނަމަ ކްރަބާއޯ ކަޕުގެ ދެވަނަ ބުރުގައި ވާދަވެރި ލިވަޕޫލް 2-3 އިން ބަލިކޮށް މެންޗެސްޓަރ ސިޓީ މުބާރާތުގެ ކުއާޓާފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗަށް ދެޓީމުންވެސް ނެރެފައި ވަނީ މިވަގުތު ނެރެވެން އޮތް އެންމެ ވަރުގަދަ ފުރަތަމަ އެގާރައެވެ.

ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ނޯވޭގެ ނުރައްކާތެރި ފޯވާޑް އާލިންގ ހާލަންޑް މެޗުގެ 10 ވަނަ މިނެޓުގައި ލަނޑު ޖަހައި ސިޓީއަށް ލީޑް ނަގައިދިނެވެ. އެކަމަކު ސިޓީއަށް ލީޑުގައި އޮވެވުނީ 10 މިނެޓް ވަންދެނެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕޯޗުގަލްގެ އުއްމީދީ ވިންގަރ ރިކާޑޯ ކަވާޅޯއެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފަށަައިގެން ލިވަޕޫލަށް ހަމަޖެހި ނުލެވި އުޅެނިކޮށް ސިޓީއިން ލީޑް ނެގީ 47 ވަނަ މިނެޓުގައެވެ. މިޑްފީލްޑަރު ރޮޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު ޖެހީ އަލްޖީރިއާގެ ހުނަރުވެރި ވިންގަރ ރިޔާދް މަހްރޭޒެވެ. ޖެހިގެން އައި މިނެޓުގައި މުހައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލުން ނަތީޖާ ހަމަހަމަކޮށް މެޗުގެ ފޯރިގަދަކޮށްލިއެވެ.

ސިޓީއިން ގިނަ ހަމަލާތަކެއް އުފެއްދި މިމެޗުގައި އެޓީމުން ތިންވަނަ ފަހަރަށް ލީޑް ނެގީ މެޗުގެ 58 ވަނަ މިނެޓުގައި ހޮލެންޑުގެ ޑިފެންޑަރު ނަތަން އާކޭގެ ލަނޑުންނެވެ. ޑިބްރޭނާ، އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅަ ލިވަޕޫލް ކުޅުންތެރިންނަށް ސާފު ނުކުރެވި ލިބުނީ ހުހަށް ހުރި އާކޭއަށެވެ. އޭނާ އެއްފަހަރުން ބޮލުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީއެވެ.

މިމެޗުގައި ސިޓީން ލިވަޕޫލުގެ ގޯލަށް އަމާޒުކޮށް 9 ހަމަލާ ފޮނުވާލިއެވެ. މިހަމަލާތައް ހުއްޓުވުމުގައި މިމެޗުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓި އަޔަރލެންޑުގެ ޒުވާން ކީޕަރު ކޮއިމްހިން ކެއްލަހާ ވަނީ ހުށިޔާރު ސޭވްތަކެއް ކޮށްފައެވެ.

ކުއާޓާފައިނަލުގައި ސިޓީ ބައްދަލު ކުރަން ޖެހެނީ ސައުތެމްޓަންއާއެވެ.

ކްރަބާއޯ ކަޕުގެ ކުއާޓާފައިން މެޗުތައް ތަރުތީބު ކުރެވިފައިވާ ގޮތް:

1. މެންޗެސްޓަރ ސިޓީ - ސައުތެމްޓަން 2. މެންޗެސްޓަރ ޔުނައިޓެޑް - ޗާލްޓަން 3. ނިއުކާސަލް - ލެސްޓަރ ސިޓީ

4. ނޮޓިންހަމް - ވޮލްވުސް