ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮން ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި މާލިއްޔަތުން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޗައިނާގެ އެކި ބޭންކްތަކަށް ދައްކަން ޖެހިފައިވާއިރު، މިހާތަނަށް އެއިން އެންމެ ބޭންކްއަކުން ވެސް ލޯނު ދެއްކުމުގައި އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ލޯނެއް ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭކަން، ބޭންކްތަކުން ލިބުނު މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެކައުންޓް ފޮތްތައް ބައްލަވައި، އެބައި ބަޖެޓަށް ރައްކާ ކުރައްވާ،" ސަފީރު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ ޗައިނާ އިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިންޑިއާ އިން ބޮޑެތި ލޯނުތަކެއް ނެގިޔަސް ނަޝީދަށް އެއީ މައްސަލައަކަށް ނުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.