ސްކޫލް ބަންދުތެރޭގައި ކަނޑުދަތުރުފަތުރު ކުރުން ގިނަވާނޭތީ ދަތުރުކުރާއިރު ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ތަފާތު އެކި ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރިކަމުގައިވިޔަސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް ހުންނާނެ ކަމަށާއި އެ ރައްކާތެރުކަން އިޚްތިޔާރުކޮށް ތިމާއާއި އަނެކުންގެ ސަލާމަތްތެރިކަން އިސްކަން ދިނުމަށް ވެސް ފުލުހުން ހަނދާނެ ކޮށްދީފައިވެއެވެ.

ކަނޑުމަތީގެ ހާދިސާތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަބަދުވެސް ހިނގަމުންދާކަމަށާއި ވަކީން ހާއްސަކޮށް ކަނޑުގަދަ ދުވަސްވަރެއްނަމަ މިފަދަ ހާދިސާތައް އިތުރުވެގެންދާ ކަމަށް ވެސް ބުނެފައިވެއެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި މާލީ ގޮތުން ލިބޭ ގެއްލުންވެސް ވަރަށް ބޮޑުކަމަށް ފުލުހުންވަނީ ބުނެފައެވެ. ކަނޑުމަތީގެ ބައެއް ހާދިސާތަކަކީ ބަލަންވާވަރަށް ނުބަލައި ފަރުވާކުޑަކުރުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތައްކަން ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 23 އަށް، މުޅި ރާއްޖޭގައި ހިނގާފައިވާ ކަނޑުމަތީގެ ހާދިސާތަކަށް ބަލާއިރު 2028 ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ 2020 ވަނަ އަހަރު 724 ހާދިސާ، 2021 ވަނަ އަހަރު 689 ހާދިސާ އަދި މި އަހަރު 615 ހާދިސާއެވެ. މި ހާދިސާތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ޖުމްލަ 85 މީހަކު ނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ކަނޑުމަތީގައި ހިނގާފައިވާ ހާދިސާތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި ހާދިސާތައް ތަހުގީގުކުރުމުގެ ތެރެއިންވެސް ފާހަގަވެގެންދިޔައީ ބަލަންވާވަރަށް ނުބަލައި ނުވަތަ ނޭނގިނަމަވެސް ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތައް މަދުނޫންކަމެވެ. ކަނޑުގަދަވެ ވިއްސާރަވުމާ ގުޅިގެން ކަނޑުދަތުުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވަނިކޮށް ފުރި ދަތުރުތަކުގައި ހިނގާފައިވާ ހާދިސާތައްވެސް މަދެއްނޫނެވެ."

މިކަންކަމުން ސަލާމަތްވުމަށް އޮޑިދޯނިފަހަރުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ހުރިހާ ސާމާނެއް ހަމަކުރުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.