އިންޑިއާގެ ބޮޑުވަޒީރު މޯދީ ބޭނުންނަމަ އެމަނިކުފާނު ޖަލަށް ލެވިދާނޭޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްހަދުގައި ރޭ ބޭއްވި "ފެލާލައިފި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޯދީ ހިތްހަމަ ނުޖެހެންޏާ މާދަން ނޫން އަނެއްދުވަހުވެސް ޖަލަށް ލެވިދާނޭ ކަމަށެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުން އާދީއްތަ ދުވަހު ހެނދުނަށް ތާވަލް ކޮށްފައި އޮއްވައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށްލިޔަސް އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އިންޑިއާއިން ރާއްޖޭގައި ހިންގާ ކަންތައްތަކަށް ނަފުރަތު ކުރައްވާ ކަމަށާއި ޖަލަށް ލިޔަސް އެމަނިކުފާނުގެ އަޑެއް ނުކެނޑޭނޭ ކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް ދުވަހަކުވެސް އެގައުމަށް ނުއެއް ވިކޭނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ތަރައްގީގެ ނަމުގައި ދޭ ލޯނުތަކުން ރާއްޖެ ތަރައްގީ ކުރުމުގެ ބަދަލުގައި އެއްބަޔަކު ދަނީ އެއިން ބައިއަޅަމުން ކަމަށެވެ. އެއީ ވެސް ރާއްޖެ އިންޑިއާއަށް ވިކިފައި އޮތްމިންވަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.