ގއ. ދާންދޫ އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ދާންދުއަށް އަލަށް އިތުރުކުރެވުނު ބިން ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި ހިންގުނު ވަރަށް ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ އެމްޓީސީސީއަށް އަލަށް ގެނައި ބޮޑު ޖައްރާފާއިން ހިންގުނު ފުރަތަމަ މަޝްރޫޢެވެ. ދާންދުއަށް އަލަށް މި ހިއްކުނު ބިން އެރަށާ ބްރިޖަކުން ގުޅާލެވިގެން ދާނެއެވެ. އައު ބިން ވެގެން ދާނީ ޒަމާނީ ދާންދޫގެ އައު ޙަޔާތެއްގެ ފެށުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި، އައު އިންޖީނުގެއަށް ބޭނުންވާ ބިންވެސް އުފެއްދި، ބަނދަރު މަތި ރަނގަޅަށް ހެދިގެން ދިޔުންވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވި، އަދި އަލަށް ހިއްކި ބިމުގެގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކާ، 2773 ވެލިބަސްތާ އަދި 451،41 ޓަނުގެ ހިލައިގެ ޙިމާޔަތުގެ އައްސޭރިފަށެއް ޤާއިމްކޮށް، 848 މީޓަރުގެ ރިވެޓުމަންޓެއްވެސް ތަރައްޤީކުރެވިފައެވެ. މި މަޝްރޫޢަކީ 64.186 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެރަށުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުالله އާއި، ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.