ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީވަމުން ދާނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވަނީ އެމަނިކުފާނުގެ ސަރުކާރު ބަލައިގަނެފައި ކަމަށެވެ. ސަރުކާރަށް ހަަތަރު އަހަރުވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެތެރޭގައި އަސާސީ ޚިދުމަތްތައް ހޯދުމާއި، އިޖްތިމާއީ ހަމަޖެހުން ގާއިމްކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމަސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭކަމަށެވެ. ދުލާއި ގަލަމުގެ މިނިވަންކަން ގާއިމްކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭކަމަށް ވެސް ވިދާޅުވިއެވެ. ކުރިން މެދުކެނޑެމުން އައި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައިވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ދާންދޫގައި މިހާރުވެސް 12 އަށް ވުރެ ގިނަ މަޝްރޫޢު އެކި މަރުޙަލާގައި ހިނގަމުންދާކަން ފާހަގަކުރައްވައި، ދާންދޫއަށް އިތުރު މަޝްރޫޢުތައް އިޢުލާންކޮށްދެއްވާފައެވެ. އެގޮތުން، ރައްޔިތުންގެ އެދުމުގެ މަތިން ދާންދޫގައި ބޭންކެއް ޤާއިމްކުރުމަށާއި، މަސްވެރި ރަށަކަށް ވުމުން ދާންދޫގައި އޮޑި އެހެލާނެ ސަރަޙައްދެއް، ބަނދަރު މަޝްރޫޢާއެކީ ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ދާންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންއާއެކު ބްލަޑް ބޭންކާއި، ސްކޫލްގެ މަލްޓިޕަރޕަސް ހޯލާއެކު ކްލާސްރޫމް އިތުރުކުރައްވާނެކަން ވެސް އެމަނިކުފާނު ވަނީ އިޢުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުނަތަކަށްވެސް އެދެވޭ ޙައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާނެ ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށާއި، ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ 186.64 މިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދާންދޫއަށް 25 ހެކްޓަރުގެ ބިން ވަނީ އިތުރުކުރެވިފައެވެ.