ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭ ގއ. ދާންދޫގައި ބޭންކެއްގެ މަސައްކަތް އަމަލީގޮތުން ފަށައިގަނެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެރަށުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އެ ރަށަކީ ފައިސާ ވަންނަ ރަށެއް ކަމަށާއި މަސްވެރިން އުޅޭ، އާމްދަނީ ލިބޭ ރަށެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިންގެ ތެރޭގައި، ބޭންކުގެ ޚިދުމަތް މި ރަށަށް ލިބޭނެގޮތް ހަދައިދޭން އެދިވަޑައިގެން. ފުރަތަމަ އަޅުގަނޑުމެން ސެލްފް އޭ.ޓީ.އެމް.އެއްގެ ޚިދުމަތް ދިނިން. ލިބޭގޮތް ހަދައިދިނިން. އެކަމަކު އެއަށްވުރެ ރަނގަޅަށް މި ރަށުން ބޭންކިންގގެ ޚިދުމަތް ލިބެންޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްދޯނިފަހަރު ގެންގުޅޭ، ބޮޑެތި ދޯނިފަހަރު އެރަށުގައި ގެންގުޅޭ ކަމަށެވެ. އެހެން ކަމުން ދޯނިއެހެލާ މަރާމާތު ކުރެވޭނޭ ގޮތެއް އެރަށުގައި ގާއިމް ކުރެވެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެެ. އެރަށުގެ ބަނދަރު ހެދި ނިމިގެންދާއިރުގައި، ދޯނިއެހެލާ ސްލިޕްވޭއެއް، ނުވަތަ މަރާމާތުކުރެވޭނެ ތަނެއް އެރަށުގައި އިތުރުވެގެންދާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ދާންދޫގެ ސިއްހީމަރުކަޒު ބޮޑުކުރަން ހިމަނާފައިވާނޭ ކަމަށެވެ. އެއާއެކީގައި ބްލަޑް ބޭންކާއި އަދި އިތުރު ޚިދުމަތްތައް އެރަށުން ލިބޭނެގޮތަށް ހަމަޖެހިގެންދާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2023ގެ ބަޖެޓުގައި ހިމަނައިގެން އެރަށު ސްކޫލްގެ މަލްޓި-ޕަރޕަސް ހޯލެއް ވެސް ހެދިގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކީގައި، އިތުރު ކްލާސްރޫމްތަކެއް އިތުރުކުރު ކޮށްދެއްވާނޭކަމަށް ވިދާޅުވިއެވެ. ރަށުގެ މެދުތެރޭގައި އިންޖީނުގެ ހުންނާތީ އެތަން އެހެންތަނަކަށް ފެނަކައިން ބަދަލުކޮށްދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.