ސްކޫލު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓުގާޑުން ފަށައިފިއެވެ.

"އޮޕްސް ހަޅަ" ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވެފައި، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިގޮތުން، މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ބަލަމުން ގެންދާނޭ ކަމަށް ވެެސް ވިދާޅުވެފައިވެއެވެ.

އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޑިސެންބަރު 23 އިން ޖެނުއަރީ 8 އަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނޭ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.