ގއ. ދާންދޫ ރައްޔިތުން ބޭނުންވާ ގިނަކަންކަންް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެރަށު ކައުންސިލުން ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުއްވުމްތައް ހުށަހެޅުއްވީ އެރަށު ކައުންސިލާއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެެރަށު ކައުންސިލުންް ރައީސަށް ހުށަހެޅުއްވީ ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފެށުމަށާއި، ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާކަމަށާއި، ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށެވެ. އޭގެ އިތުރުން އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުމަށް ބޭނުންވާކަމަށް ވެސް ކައުންސިލުން ރައީސަށް ދެންނެވިއެވެ. އޭގެއިތުރުން ދޮރެގަލާ ދާންދޫގެ އިހްތިސާސްގައި ހިމަނަން ރައްޔިތުން ބޭނުންވާކަމަށް ވެސް ދެންނެވިއެވެ. މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފިއެވެ. ކައުންސިލް މެންބަރުން ވަނީ ސްކޫލްގެ ތަޢުލީމީ މަންހަޖަށް ކޮމްޕިއުޓަރ ސްޓަޑީސް އާ އައިސީޓީ އިތުރުކޮށްދެެއްވުމަށް ރައީސަށް ދަންނަވައިފައެވެ.

ދާންދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ގާއިމްކުރުމާއި އިންޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައިސަށް ހުށަހަޅުއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫގެ ތަރައްގީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.