ރައްޔިތުން އެދޭ ހެޔޮ ބަދަލު ރައްޔިތުންނަށާއި ރަށްރަށަށް ގެނެސްދޭނީ މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ނިލަންދޫ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވައި، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ސަރުކާރުން ޤާއިމްކޮށްދިނުމަށްޓަކައި ކަމަށެވެ.
މިއަދު ހެނދުނު ނިލަންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ 4 އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށެވެ. އެއީ ކަރަންޓުގެ ޚިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ޚިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތަޢުލީމާއި، ސިއްޙީ ޚިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ގާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް ކަރަންޓު އުފައްދާ އައު ޖެނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް އިމާރާތް ގާއިމްކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ރަސްމީގޮތުން ހުޅުވި ގއ. ނިލަންދޫގެ އައު އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވެއެވެ. މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ. ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރި ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. އަދި ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ގާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.