ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގއ. ނިލަންދޫގެ ތަރައްގީއަށް ކޮށްދެއްވައިފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ކަންކަން އެރަށު ކައުންސިލާއި ރައްޔިތުން ބަލައިގަންްނަ ކަމަށް ނިލަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ހެނދުނު އެރަށަށް ވަޑައިގެން ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައެވެ. ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ކައުންސިލުން ވިދާޅުވީ މިސަރުކާރުން ނިލަންދޫގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވެރިކަމުގައި ނިލަންދޫއަށް ކޮށެއްވައިފައިވާ ކަންކަން ގިނަގުނަ ކަމަށާއި އެކަންކަން ކައުންސިލާއި ރައްޔިތުން ބަލައިގަނެފައިވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ. މިހާރުވެސް ނިލަންދޫގެ ސްކޫލު ޢިމާރާތާއި، އެގްރޯނެޓް ގެ ޢިމާރާތް އަދި ވޮލީ ކޯޓް ނިމިފައިވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނިލަންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފައެވެ. އޭގެތެރޭގައި ރަށްގިރުމުގެ މައްސަލައާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ކައުންސިލް އިދާރާގެ ޢިމާރާތުގެ ދަތިކަމާއި، ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމާއެކީ ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން ބޭނުންވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ނިލަންދޫ އ.ތ.މ. ކޮމިޓީއިން ވަނީ ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓް މެދުވެރިކޮށް ބޮޑު އަގުގައި ނުވިއްކޭތީ ހުރި ކަންބޮޑުވުންތަކާއި، ބަޖެޓްގެ ދަތިކަން ފާހަގަކުރައްވައި އެކަން ހައްލުކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.