ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާމެދު ހިތުގައި އެއްވެސް ނަފުރަތުކަމެއް ނުވަތަ ބުރަކަމެއްނެތް ކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނާޒިމް (ރިޓަޔަރޑް ކާނަލް) ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްގައި ރައީސް ޔާމީންވަނީ އޭނާ ތިންއަހަރާއި ބައި ވަންދެން ޖަލުގައި ބާއްވައިފައި ކަމަށެވެ. ނާޒިމް ޖަލަށްލީ އޭނާގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައެވެ. އެކަން ހިނގައިދިޔަ ގޮތް ރައީސް ޔާމީނަށް އޭރުވެސް މިހާރުވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ކަމަށާއި އެއީ އެއްވެސް އަސްލެއްނެތް ކަމެއްކަން ވެސް ޔާމީނަށް އެނގިވަޑައިގަންނާނޭކަން ގަބޫލު ކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ތިންއަހަރާއި ބައި އެއީ އިންސާނެއްގެ އުމުރުން ވަރަށްގިނަދުވަސް. އެއްވެސް ހަގީގަތެއްނެތް ކަމެއްގައި އަޅުގަނޑު ޖަލަށްލައިފައި ބޭއްވުމުން އާއިލީ ވިޔަފާރިއަށާއި އަޅުގަނޑަށް ވެސް އެތައް ގޮތަކުން ގެއްލުންވި. އެހެނަސް މިހާރު އަޅުގަނޑު މިހުރީ މިނިވަންވެފައި. އެކަންކަމާމެދު އެއްވެސް ހިތްބުރަކަމެއް އަޅުގަނޑުގެނެތް. އެހެން ނަމަވެސް ރައީސް ޔާމީނާއެކު ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ދެން ނުކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހާރުވަނީ އަމިއްލަ ޕާޓީއެއް އުފައްދަވައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވައިފައެވެ. އެމްއެންޕީގެ ރިޔާސި ޓީކެޓުވެސް ނާޒިމް ވަނީ ކަށަވަރު ކުރައްވައިފައެވެ.