ގިނަ ދަރިވަރުން ޚިޔާރުކުރާ ބިޒްނަސް ސްޓްރީމްގެ ބަދަލުގައި ސައިންސާއި ލިބަރަލް އާރޓްސްގެ މާއްދާތައް ކިޔަވަން ދަރިވަރުންނަށް ބާރުއަޅަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ 6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފުތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެކަމަނާ ވިދާޅުވީ އިންސާނުން ކުރާ ގިނަ މަސައްކަތްތަކެއް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މިހާރު އޮޓޮމޭޓް ކުރެވި މެޝީންތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މިފަދަ އޮޓޮމޭޓެޑް ގިނަ މެޝިންތައް އޮޕަރޭޓް ކުރެވޭނީ އެކަމުގެ ފަންނީ މައުލޫމާތާއި ގާބިލުކަން ހުރެގެން ކަމަށްވުމުން މިފަދަ ހުނަރުތައް އަށަގެންނެވުމުގައި ތައުލީމީ ދާއިރާގެ ޒިންމާ ބޮޑު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބަދަލުވަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމާ އެއްވަރަށް އެ ޓެކްނޮލޮޖީއެއް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ އަގުތަކުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ގަޑިއަށް ފަރުވާތެރިވުމާ، އަނެކާގެ އިޙްސާސްތައް ދެނެގަތުމާ، ނިންމުންތައް ނިންމާއިރު ހިކްމަތުއަމަލީ ބޭނުންކުރުމާ، ހުނަރުވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާ، މީހުންނަށް އެންމެ ފަސޭހައިން ފަހުމުވާނެގޮތަށް ސާފުސީދާކޮށް މުއާމަލާތުކުރުމާ، ތަފާތު ޚިޔާލުތަކަށް ޖާގަދިނުމާ، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާ، އެކި ނަޒަރިއްޔާތުން ކަންކަމާމެދު ވިސްނުމާ، ޖަޒްބާތީ ތޫނުފިލިކަން ފަދަ ކަންކަމަށް މުދައްރިސުންނާއި ދަރިވަރުން ކުރިއަށްވުރެވެސް ބޮޑަށް ސަމާލުކަންދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. އޭގެއިތުރުން ހިތުދަސްކުރުމުގެ ބަދަލުގައި ކަންކަމާ ވިސްނާ ދިރާސާ ކުރާ ދަރިވަރުންތަކެއް އުފެއްދުމަކީ މުހިންމު ކަމެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ޒަމާނުއްސުރެ ދަރިވަރުންނާއި އާއިލާތައް ރަށްރަށުން މާލެއަށް ހިޖުރަކުރަންޖެހިފައިވަނީ ތަޢުލީމު އުނގެނުމަށާއި ބޭސްފަރުވާގެ އިތުރުން ވަޒީފާގެ ފުރުސަތު ހޯދުމަށްކަމަށެވެ. ޓެކްނޮލޮޖީގެ އެހީގައި އެ ޚިދުމަތްތައް ރަށަށް ފޯރުކޮށްދެވޭނެ މަގުތަނަވަސް ކޮށްދެވިއްޖެނަމަ ހިތްފަސޭހަ އުފަން ރަށް ދޫކޮށް އާއިލާތަކާ ވަކިން މާލެ ހިޖުރަކޮށް ދިރިއުޅެން އަންނަން ބޭނުން ނުވާނެކަމުގައި ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.