މާމެންދޫ ރައްޔިތުންވެސް އެމީހުން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު ހުށަހަޅައިފިއެވެ. ރައީސް އެރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ރައީސަށް އެ މީހުން ބޭނުންވާކަންކަން ހުށަހެޅުއްވީ އެރަށުކައުންސިލުންނެެވެ. ރައީސް ގއ. ދާންދުއަށާއި ނިލަންދުއަށް ވަޑައިގެންނެވުމުން އެ ދެރަށުން ވެސް ވަނީ ރައީސަށް ދިގު ލިސްޓެއް ހުށަހަޅުއްވައިފައެވެ.

މާމެންދޫ ރައްޔިތުން ބޭނުންވެގެން ރައީސަށް ދެންނެވި ކަންކަން:

  • ރަށްގިރުމުގެ މައްސަލަ ޙައްލުކުރުން
  • ކައުންސިލް ޢިމާރާތް ބާވެފައިވުމުން އައު ޢިމާރާތެއް ބޭނުންވުން
  • މާމެންދޫގެ އިހްތިސާސްގައި ހުޅިމެންދޫ ހިމަނައިދެއްވުން
  • ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުން
  • މާމެންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށްދެއްވުން
  • ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުން
  • ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް ހަމަޖައްސައިދެއްވުން
  • ސްކޫލަށް ބޭނުންވާ ކަންކަން ހަމަޖައްސަވައި ދެއްވުން ނަރުދަމާގެ މަސައްކަތް އަވަސްކޮށްދެއްވުން
  • މިހާރު ކުރިޔަށް ގެންދާ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުން

މީގެ އިތުރުން މާމެންދޫ އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުންނަށް ޚާއްސަ ޖިމެއް ބޭނުންވާކަމަށާއި އެ ކޮމިޓީއަށް އޮފީސް ޢިމާރާތެއް ބޭނުންވާ ކަމަށް ވެސް ރައީސަށް ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫގެ ތަރައްގީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވައިފައެވެ. ކައުންސިލާގައި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.