ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގައި ފެނަކައިން އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

އެރަށުގެ އައު އިންޖީނުގެެއާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އެތަން ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވައިފިއެވެ.

މިއީ މީހުންނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކޮށް އައު އިންޖީނުގެތައް އެޅުމަށް ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބިނާކުރި އިންޖީނުގެއެކެވެ. މި އިންޖީނުގެ ހުޅުވުމުން އެރަށުގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ 22 އަހަރުވީ ބައު އިންޖީނުގެ ވަނީ ބަންދުކޮށްފައެވެ. ކުރީގެ އިންޖީނުގެ ވަނީ އެކިފަހަރު މަތީން ތޭވީސް ތަނަކަށް ބަދަލުކޮށްފަައެވެ.

އެރަށުގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކީ ޖާގައިގެގޮތުން ތަނަވަސް ތަނެކެވެ. ކުރީގެ އިންޖީނުގޭގެ ބޮޑުމިނަކީ 78 އަކަމީޓަރެވެ. އައު އިންޖީނުގޭގެ ބޮޑުމިނަކީ 179 އަކަމީޓަރެވެ. އެރަށުގައިކުރިން ބޭނުންކުރަމުންދިޔައީ 550 ކިލޯވޮޓުގެ ޖެންސެޓެކެވެ. އައު އިމާރާތުގައި ވަނީ 1050 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ބަހައްޓައިފައެވެ.

އަލަށް ހުޅުވި އިންޖީނުގެ ޑިޒަައިންކޮށްފައިވަނީ 400 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ސެޓު ބެހެއްޓޭ ގޮތަށެވެ. އައު އިންޖީނުގޭގައި ޑެގް ރޫމް، ކޮންޓްރޯލް ރޫމް، ވޯކް ޝޮޕް، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ގާއިމްކޮށްފައިވެއެވެ. އޮފީސް އިމާރާތަކީ 30 މުވައްޒަފުންގެ ޖާގައިގެ ތަނަކެވެ. އޮފީސް އިމާރާތުގައި މީޓީން ރޫމާއި، މެނޭޖަރ ރޫމާއި، ރިސެޕްޝަން އެންޑް ލޮބީއާއި ޖެނެރަލް އޮފީހާއި ސްޓޯ ރޫމާއި ޕޭންޓްރީއާއި ޓެކްނިކަލް ސްޓާފްރޫމާއި ފާޚާނާ ހިމެނެއެވެ.

ފެނަކައިން ގެންދަވަނީ ރާއްޖޭގެ އެކިރަށްރަށުގައި ޒަމާނީ އިންޖނުގެތައް ބިނާކޮ ހުޅުވައި ޚިދުމަތް ދެއްވަމުންނެވެ.