މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު އެ ޚިދުމަތްތައް ޤާއިމުކޮށްދެއްވުން ކަމުގައި ނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މީގެ 4 އަހަރު ކުރިން ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށެވެ.

މިއަދު ހަވީރު ގއ. މާމެންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ޝަކުވާކަމަށެވެ. އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ޚިދުމަތް ގާއިމްކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން އިންތިޒާމުކޮށް ހަމަޖައްސަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރ އިފްތިތާހު ކޮށްދެއްވައިފައެވެ. ރައީސް ވިދާޅުވީ ސްމާޓް މީޓަރގެ ސަބަބުން ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތްހޯއްދަވާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މާމެންދޫ ކައުންސިލުން އެމަނިކުފާނަށް މިއަދު ހުށަހެޅުއްވި ކަންކަމުގެތެރެއިން އެރަށުގައި ކުރިޔަށްގެންދަވާނޭ ބައެއް ކަންކަން އިއުލާނުކުރައްވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މާމެންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. ހުޅިމެންދޫ ބެލެހެއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ކައުންސިލާ ހަވާލުކުރައްވާނެކަމަށާއި، ގާނޫނުގެ ތެރެއިން މާމެންދޫގެ އިހްތިސާސް އެރަށް ހިމެނޭނެ ގޮތެއް ބައްލަވައިދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ދެންނެވިގޮތަށް ފުލުހުންގެ އަދަދު އިތުރުކޮށްދެއްވާނެކަމަށާއި، ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ކަނދުފަތި ލަސްތަކެއްނުވެ އަޅާދެއްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މާމެންދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. އެރަށުގެ ވޮލީ ކޯޓު ވެސް ރަނގަޅު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައެވެ.