ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިރޭ މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ރަށްރަށަކީ ދާންދޫ، ނިލަންދޫ، މާމެންދޫ އެވެ.

ދަތުރުފުޅުގައި އެމަނިކުފާނުވަނީ ދާންދޫގެ ބިންހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްރޫޢުގެ ދަށުން ދާންދޫގައި ވަނީ 957,000 މީޓަރުގެ ބިން ހިއްކައި، 848 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖަހާފައެވެ.

ރައިސް ވަނީ ނިލަންދޫއާއި، މާމެންދޫގައި ފެނަކައިން އަލަށް ޢިމާރާތްކުރި ދެ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ނިލަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ވަނީ ބަހައްޓައިފައެވެ. މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1400 ކިލޯ ވޮޓްގެ ކެޕޭސިޓީގެ އިންޖީނެއް ވަނީ ބަހައްޓައިފައެވެ.

މި ދަތުރުފުޅުގައި ރައީސްވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި ތަރައްގީއާ ބެހޭ ކަންކަމުގައި މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވައިފައެވެ.