ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާގުޅިގެން ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި،" ފުލުހުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މީހުންގެ މެދުގައި ނަރުފުރަތު އުފެދޭ ގޮތަށް ސޯޝަލް މިޑިއާގައި ތަކުރާރުކޮށް ވާހަކަ ދައްކަމުންދާތީއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ވެސް ވަނީ ގޮވާލައިފައެވެ.

އޭނާ މިކަމަށް ގޮވާލުމުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ބައެއް ސިޔާސީ ލީޑަރުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އައްބާސް އަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ އިތުރުން ޕީޕީއެމްގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ހަމައެއާއެކު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމާއި މީރާގެ ބޯޑު މެމްބަރުކަމުގެ މަގާމު ވެސް އެނާ އަދާކުރެއްވިއެވެ.