ރައްޔިތުން ބޭނުންވާ ކަންކަން މިސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާރު.ޑީ.ސީއަށް 3 އަހަރު ފުރުން ފާހަގަ ކުރުނަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންވެ.

ނާއިބު ރައިސް ވިދާޅުވީ އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. ގައުމު ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއްކަމަށެވެ. ހަމަ އެއާއެކު އެކުންފުނީން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އިޖުތިމާއީ ކަންކަމުގައިވެސް އެކުންފުނިން ބައިވެރިވާކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި ވަނީ ބްލައިންޑް އެސޯސިއޭޝަނަށްދޭ ރަމްޒީ ހަދިޔާ ޙަވާލުކުރުމާއި، ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) އިފްތިތާހުކޮށްދެއްވައިފައެވެ. މި ޙަފްލާގައި ވަނީ އެކި ދާއިރާތަކުން މުވައްޒަފުންނަށް ލިބުނު އެވޯޑުވެސް ހައްގުވެރީންނާ ހަވާލުކޮށްފައެވެ. އެގޮތުން މި ހަފްލާގައި އާރް.ޑީ.ސީގެ މުވައްޒަފުންނަށް ޢުމަރު ޒާހިރު އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ޙަފްލާގައި އާރު.ޑީ.ސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

އާރުޑީސީ އުފެއްދީ 2019 ވަނަ އަަހަރު ރައީސްގެ ގަރާރަކުންނެވެ.