ވ. އާރަށު މައްސަލައާއި މަނީލޯންޑަރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރީ އެ ރަށް ކުއްޔަށްދޫކުރުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެފައިސާ ލޯންޑު ކޮށްފައިވާތީއެވެ. މި މުއާމަލާތުގައި ރައީސް ޔާމީނަށް ރިޝްވަތު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ޔޫސުފް ނައީމެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. މިމައްސަލާގައި ދައުލަތުން ބޭނުންވަނީ ޔާމީންގެ މައްޗަށް 8 އަހަރުގެ ހުކުމެއް އިއްވުމަށެވެ. މަނީ ލޯންޑަރިންގެ މައްސަލާގައި ދައުލަތުން އެދުނީ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފަދަ މަގާމެއްގައި ހުންނަވައިގެން އެފަދަ އަމަލެއް ހިންގެވީތީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ދައުލަތުން އެދުނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޔޫސުފް ނަޢީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. ރައީސް ޔާމީން އޭރު ހުންނެވީ ރާއްޖޭގެ އެންމެ މަތީ ވެރިއާގެ މަގާމުގައި ކަމަށްވުމުން އެވަރުގެ ފައިސާގެ އަދަދެއް ރައީސް ޔާމީންގެ އެކައުންޓަށް ވަނުމަކީ ސުވާލު އުފެދޭ ކަމެއް ކަަމަށް ވެސް ހުކުމުގަައި ވެއެވެ. ރިޝްވަތު ދިނުމުގެ ކުށް ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވުމުން ދައުލަތުން އެދުނީ އޭނާގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅަކު ވިޔަފާރި ކުރުމާއި މާލީ އެހެނިހެން މަސްލަހަތެއް އޮވެގެން ނުވާނޭ ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި އޮވެއެވެ. މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު 2:00 ގައި އިތުރު އަޑުއެހުމެއް ބާއްވަން ޝަރީއަތުން ވަނީ އިއުލާން ކޮށްފައެވެ.