ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝިމާޒު ޢަލީ، ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ. ކުރިން އޭނާ ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށެވެ. އެނާ ޔޫތަށް ބަދަކު ކުރެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށްނެވެ.

ޝިމާޒް ޔޫތު މިނިސްޓްރީއަށް ބަދަލު ކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ އެ މިނިސްޓްރީއަށް ބަދަލު ކުރެއްވީ މިދިޔަ ހަފްތާތެރޭގައެވެ.

ޝިމާޒުގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އަހުމަދު ރިޔާޒު މިހާރުވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލު ކުރައްވައިފައެވެ. ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ރިޔާޒު ވަނީ މި އަހަރުގެ މޭމަހު 29 އިން ފެށިގެން ސަސްޕެންޑު ކޮށްފައެވެ. އެހެންނަމަވެސް އޭނާ ސަސްޕެންޑުގައި ހުރީ މުސާރަ ލިބޭ ގޮތަށެވެ. މި ދެބޭފުޅުންގެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ. އެހެންނަމަވެސް މައްސަލަ ނިމުނު ގޮތެއް އެނގިފައެއްނުވެއެވެ. ރިޔާޒު މިވަގު ހުންނެވީ އުމްރާ ދަތުރެއްގައި މައްކާގައެވެ.

ޝިމާޒު ޑެޕިޔުޓީ މިނިސްޓަރަކަށް ހުންނެވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. ރިޔާޒު ހުންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ.