އދ. މަހިބަދޫ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެރަށުން ބިން ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުން ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއެކު އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ އެރަށުގެ ތަރައްގީއާބެހޭ ގޮތުން ރައީސާ މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު، އެރަށުގައި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް، ބަޖެޓުގައި ހިމަނައިދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި އެރަށުން ގޯތި ދޫނުކުރާތާ މިހާރު 35 އަހަރު ވެފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރުން ވިދާޅުވިއެވެ. އެހެން ކަމުން އެރަށުގެ ބިން ހިއްކައި ރައްޔިތުންނަށް ގޯތި ދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެެނެސްދެއްވުމަށް ރައީސް އަރިހުން ވަނީ ކައުންސިލުން އެދިފައެވެ.

ކައުންސިލް މެމްބަރުން ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާ ކޮންމެ މަސައްކަތަކަށްވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމަށެވެ.

އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ކައުންސިލް މެމްބަރުން ވަނީ އަރުވައިފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަން ބޭނުންވާކަމަށާއި، ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަ ކުރިއެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށާ، މަގު ހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އޭގެ އިތުރުން ރަށުގެ އިހްތިސާސްގައި މާފަރު ފަޅު ހިމަނައިދެއްވުމަށް ވެސް ރައީސަށް ދެންނެވިއެވެ.

މަހިބަދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިމާރާތެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

މަހިބަދޫގެ ތަރައްގީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަށް ދެއްވުމަށްފަހު ރައީސް ވިދާޅވީ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށެވެ.