ކޮންޓްރޯލް ރޫމްގައި ސައިރަން އަޅަން ފަށައިފިއެވެ! ތާޅަފިލިން ބާރަށް ގޮވަމުން ދަނީ، "މިއޮތް ދަނީ އުއިގޫރު މުސްލިމެއް" މިހެންނެވެ. މިއީ ކޮމިއުނިސްޓް ޗައިނާ އިން މަންޒަރެކެވެ.

ޗައިނާގެ އެއްވަނަ ޓެކްނޮލޮޖީ ކުންފުނި، ވާވޭ އިން އުފައްދާފައިވާ މަސްނޫއީ ސިކުނޑިން މީހާގެ މޫނުގެ ސިފައާއި ބައްޓަން، ކެމެރާ މެދުވެރިކޮށް ދަނެގަނެ، އެމީހާއަކީ އުއިގޫރު މުސްލިމެއްކަމަށް ކަނޑައަޅައި ދޭނެއެވެ. ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓެއްގައި ބުނެފައި ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އިންޒާރު ފޮނުވާ މި ސޮފްޓްވެއަރ ޓެސްޓްކޮށް ފައިވާ ކަން އެނޫހަށް ލިބިފައިވާ ޑޮކިއުމެންޓްތަކުން ކަށަވަރުވާ ކަމަށެވެ.

ވޮޝިންޓަން ޕޯސްޓާއި މި ރިސަރޗް ޑޮކިއުމެންޓް ހިއްސާ ކޮށްފައި ވަނީ މިފަދަ ދިރާސާތައް ކުރާ އައިޕީވީއެމް އިންނެވެ. ވާވޭއާއި މެގްވީއިން ގުޅިގެން އުފައްދާފައިވާ މި ޓެކްނޮލޮޖީން އުއިގޫރު މުސްލިމަކު ބައިބޯ ތަނަކުންވެސް ފެނިއްޖެނަމަ، ކެމެރާއިން އެމީހެއްގެ މަޢްލޫމާތު ޗައިނާ ޕޮލިހަށް ވަގުތުން ފޯރުވައި ދޭނެއެވެ.

https://youtu.be/8aMyVkYtMFQ

މެގްވީއާއި ވާވޭ ގުޅިގެން އުފައްދާފައިވާ މި ސިސްޓަމްގެ މަޢްލޫމާތު ވާވޭގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ހުއްޓެވެ. ނަމަވެސް 8 ނޮވެމްބަރުގައި ވޮޝިންޓަން ޕޯސްޓުން މި ކަމާ ބެހޭ މަޢްލޫމާތު ވާވޭ ކުންފުނިން އޮޅުން ފިލުވުމަށް ގުޅުމުން ވާވޭއިން ވަނީ އެ ލިޔުންތައް ވެބްސައިޓުން ނަގާފައެވެ.

ޕެންސެލްވޭނިޔާގައި ހުންނަ އައިޕީވީއެމް ކުންފުނީގެ ރައީސް ޖޯން ހެނޯވިޗް ވިދާޅުވަނީ ވާވޭގެ ވެބްސައިޓްގައި ހުރި ޑޮކިއުމެންޓުން މީހަކު ފިތްކަނޑައިގެންދާނެއެވެ. އަދި އެ ޑޮކިއުމެންޓްގައި މަޢްލޫމާތު ހިމަނާފައި ހުރި ގޮތުން މަސްނޫއީ ސިކުނޑި ބޭނުންކޮށްގެން މިފަދަ ނަސްލީ ތަފާތުކުރުމެއް ގެންގުޅުމަކީ ވަރަށް އާދައިގެ ޓެކްނޮލޮޖީއެއް ކަމަށް ދޭހަވާ ހެން ހީވެއެވެ.

މެގްވީއާއި ވާވޭ ގުޅިގެން މީހުންނަށް ފާރަލުމަށް ތިން ވައްތަރެއްގެ ޓެކްނޮލޮޖީއެއް މިދިޔަ އެތައް އަހަރެއްގެ ތެރޭގައި އުފައްދާފައި ވެއެވެ. 2018 ވަނަ އަހަރުވެސް "އުއިގޫރު އެލާމް"ގެ ނަމުގައި ސިސްޓަމެއް ޓެސްޓްކޮށްފައި ވެއެވެ.

މި ރިޕޯޓަށް ބަހެއް ލިބިފައިވަނީ މެގްވީ އިންނެވެ. އެކުންފުނިން ބުނެފައިވަނީ އެކުންފުނީގެ ޓެކްނޮލޮޖީއަކީ ވަކި ނަސްލަކަށް އަމާޒުކުރާ ޓެކްނޮލޮޖީއެއް ނޫން ކަމަށެވެ.

ޗައިނާ މަސްއޫލުވެރިން އަބަދުވެސް ބުނަނީ މިފަދަ ޓެކްނޮލޮޖީއަކީ ޗައިނާގެ ޓެކްނޮލޮޖީގެ މަތީފެންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.